ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް ލިއޮނެލް މެސީ އަނިޔާއަށް ފަހު މިއަދު ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނުކުމެއްޖެ އެވެ.
ޕީއެސްޖީގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވާން ފަށާފައި ވަނީ އަނިޔާގައި ކުޑަ ދުވަސްކޮޅަކު ކުޅުމާއި ދުރުގައި ހުރުމަށްފަހުގަ އެވެ.
މި އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ފްރެންޗް ލީގުގައި އެންމެ ފަހުން މެޒްއާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ކުޅެވޭގޮތް ނުވެފައެވެ.
އަދި މިރޭ މޮންޓްޕެލިއާ އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައިވެސް މުޅިން ފިޓް ނުވާތީ މެސީ ނުކުޅޭނެ ކަމަށް ވެސް ކުލަބުން ބުނެއެވެ.
މެސީއަށް އަނިޔާވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެނާއަށް އަނިޔާވެފައިވަނީ ވާތު ކަކުލަށެވެ.
މި އަނިޔާ އާއި ގުޅިގެން މިރޭގެ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ޕީއެސްޖީ ކުޅެން ހަމަޖެހިފައިވާ މެޗު ވެސް މެސީއަށް ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް މިއަދު ޕީއެސްޖީގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވާން ފަށާފައި ވުމުން އަންނަ ހަފްތާގައި ސިޓީއާއި ދެކޮޅަށް މެސީ ފެނިގެން ހިނގައިދާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.
ނަމަވެސް މި މެޗުގައި މެސީއަށް ކުޅެވިދާނެތޯ ނުވަތަނޫންތޯ އަދި ކުލަބުން ނުނިންމައެވެ.
މެސީ ޕީއެސްޖީއަށް ބަދަލުވީ ސްޕެއިންގެ ބާސެލޯނާއިން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް