އިދިކޮޅު މެމްބަރުންގެ ޝަރީއަތް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއަށް ގަދަކަމުން ވަތް ކަމަށް ބުނާ މައްސަލައިގާ އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ދައުލަތުންކުރާ ދައުވާތަކުގެ ޝަރީއަތް މާދަމ ކްރިމިނަލް ކޯޓުގައ...

25 Sep 2017 | 09:55

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއަށް ގަދަކަމުން ވަތް ކަމަށް ބުނާ މައްސަލައިގާ އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ދައުލަތުންކުރާ ދައުވާތަކުގެ ޝަރީއަތް މާދަމ ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

މަޖިލިސް ބަންދުކޮށް ސިފައިން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން ދަނިކޮށް މަޖިލީހަށް މި މެމްބަރުން ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގަ އެވެ. އެ މެމްބަރުންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ މި މެމްބަރުންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ މި މެމްބަރުންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ދާދި ފަހުން އެމްޕީ މަހްލޫފުގެ މައްޗަށް މިފަދަ ދައުވާއެއް އުފުލައި ހުކުމް ކޮށްފައި ވެ އެވެ.

މާދަމާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް މެމްބަރުންނަށް ޗިޓް ފޮނުވަމުން އަންނައިރު މެމްބަރުންވައނީ ދައުވާތަކާއި ގުޅޭ ލިޔެކިޔުންތަކާއި ހަވާލުވެފަ އެވެ. މާދަމާ އޮންނަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

މަޖިލީހަށް ވަން މައްސަލާގައި، ދައުވާ ކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ މައްޗަށެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

މި  މެމްބަރުންގެ ތެރެއިން އެމްޕީ ސައުދާއި އެމްޕީ އަމީތުގެ މައްޗަށް ދެ ދައުވާއެއް ކުރާއިރު އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް