ރޮހިންގާ މުސްލިމުންގެ ހިތާމައިގެ އެތައް ވާހަކައެއް !

މިޔަްމާ ސަރުކާރުން އެގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ މުސްލިމުން މަރަން ފެށުމުން ގައުމު ދޫކޮށް މިހާތަނަށް ހަތަރު ލައްކަ ތިރީސް ހާހަށްވުރެ ގިނަ މީހުން އަވަށްޓެރި ބަންގްލަދޭޝްގެ ކޮކް...

24 Sep 2017 | 23:21

މިޔަްމާ ސަރުކާރުން އެގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ މުސްލިމުން މަރަން ފެށުމުން ގައުމު ދޫކޮށް މިހާތަނަށް ހަތަރު ލައްކަ ތިރީސް ހާހަށްވުރެ ގިނަ މީހުން އަވަށްޓެރި ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ގާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ތޮއް ޖެހިފައިވާއިރު މިއީ އޭގެ ތެރެއިން، ބައެއް މީހުންގެ ވާހަކަ އެވެ. މިއީ އަލްޖަޒީރާގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ އެކެވެ.

ނޫރު ޖަހާން – އުމުރު 85

ނޫރު ޖަހާން ނިސްބަތްވަނީ ރާހިން ސްޓޭޓްގެ ކުންޔަޕަރަ އަވަށަށެވެ. ނޫރު ބުނެފައިވާގޮތުގައި އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ އޭނާގެ ދަރި އަބްދުﷲ އެވެ. އަބްދުﷲ ގެ އުމުރަކީ 28 އަހަރެވެ. ނޫރު ބުނީ އަސްކަރިއްޔާއިން އޭނާގެ ދަރި މަރާލާފައިވާކަމަށާއި ބަންގްލަދޭޝް އަށް އައީ އަވަށުގެ ބަޔަކާއި އެކުގައި ކަމަށެވެ.

އަދި ގޮތް ހުސްވެފައިވަނިކޮށް އެހީވީ އުމުރުން 27 އަހަރުގެ ހާމިދު ހުސެއިން ނަމަކަށް ކިޔާ މީހެއް ކަމަށާއި ބަންގްލަދޭޝްގައިވެސް އުޅެމުންދަނީ ހާމިދުއާއި އެކުގައި ކަމަށް ނޫރު ބުނެފައި ވެ އެވެ. ނޫރު ބުނެފައިވަނީ އޭނާގެ ފިރިމީހާ ވަނީ މީގެ އަށް އަހަރު ކުރިން މަރުވެފައި ކަމަށެވެ. އަށް ދަރިން އެބަތިބި ކަމަށާއި އަބްދުﷲ މަރުވި ކަން ކަށަވަރުވާއިރު އެހެން ދަރިން ވީތަނެއްވެސް ނޭނގޭ ކަމަށެވެ.

ނޫރު އިތުރަށް ބުނެފައިވަނީ ބަންގްލަދޭޝް އަށް އައީ ހުރިހާ މުދަލެއް ދޫކޮށް މާތް ﷲ އަށް ވަކީލުކުރާ ހާލުގައި ކަމަށާއި ފަހު ނޭވާ ލާން ބޭނުންވަނީ ބިރެއް ނެތް މާހައުލެއްގައި ކަމަށެވެ.

އައިޝާ ބޭގަމް – އުމުރު 85

އައިޝާ ބޭގަމް ނިސްބަތްވަނީ ރަހީން ސްޓޭޓްގެ ބަދާނަތު އަވަށަށެވެ. އޭނާގެ 10 ދަރިން ތިބި އިރު މިޔަންމާ އަސްކަރިއްޔާގެ ހަމަލާތަކުން ސަލާމަތްވީ އެންމެ ދަރިއެކެވެ. އަނެއް ނުވަ ދަރީން ވަނީ މަރުވެފަ އެވެ. ސަލާމަތްވީ އަންހެން ދަރިއެކެވެ. ބަންގްލަދޭޝް އަށް އައީ އެ އަންހެން ދަރިއާއި އެކުގައި އެވެ.

އައިޝާ ބޭގަމް ބުނެފައިވަނީ ހެނދުނުއްސުރެ ކާނެ އެއްވެސް އެއްޗެއް ނުލިބޭ ކަމަށާއި ގަޔަށް ތަދުވާތީ ނުނުދޭ ކަމަށެވެ. "އެއްވެސް އެހީއެއް ވެވިދާނެތޯ" ނޫސްވެރިޔަގެ ކުރެން އައިޝާ ބޭގަމް އެހި އެވެ.

އައިޝާ ބޭގަމް ބަންގްލަދޭޝް އަށް އައީ އުމުރުން 42 އަހަރުގެ އޭނާގެ ދަރި ނަސީމާ ބޭގަމް އާއި އެކުގަ އެވެ. ބަންގްލަދޭޝްގައި އައިޝާ ބޭގަމް މިހާރު އުޅެމުންދަނީ ނަސީމާ ބޭގަމް އާއި އނާގެ ފިރިމީހާ އަލީ ޗަން މިއާ އާއި އެ ދެމަފިރިންގެ ދަރިންނާއި އެކުގަ އެވެ.

ނަސީމާ ބޭގަމް ބުނެފައިވަނީ އޭނާ އާއި އޭނާގެ ފިރިމީހާ އަދި ދަރިންނަށް ނުކައި އެއްދުވަހު ތިބެވިދާނެ ކަމަށާއި ނަމަވެސް މަންމަގެ އުމުރާއި ބަލި ހާލަތަށް ބަލާފައި އެގޮތަށް ކެތް ކުރުމަކީ މަންމައަށް ވާވަރުގެ ކަމެއް ނޫން ކަމަށެވެ.

މޮނީރު އަހްމަދު – އުމުރު 36 އަހަރު – ލޮލުގެ ފެނުން ގެއްލިފައިވާ މީހެއް

ބަންގްލަދޭޝްގައި މިވަގުތު މޮނީރު ހުރީ ރެޖިސްޓްރީ ނުކޮށްހުރި ރެފިއުޖީ ކޭމްޕެއްގައެވެ. މޮނީރު ބުނެފައިވަނީ އޭނާއަކީ ލޮލަށް ނުފެންނަ މީހެއް ކަމަށާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރާ ކަމަކީ ސަލާން ޖެހުން ކަމަށެވެ. ލޮލުގެ ޑޮކްޓަރަކަށް ދައްކަން ބޭނުން ކަމަށް މޮނީރު ބުނެފައި ވެ އެވެ.

މޮނީރު އިތުރަށް ބުނެފައިވަނީ ބަންގްލަދޭޝް އަށް އާދެވުނީތީ އުފާ ކުރާ ކަމަށާއި ވަރަށް ރަނގަޅު މީހުން އުޅޭ ކަމަށެވެ. އެމީހުން ކާތަކެތި ދޭ ކަމަށެވެ.

ޖަންނަތު އަރާ – އުމުރު 25 – ފައިގަ ވާގި ނެތް މީހެއް

ޖަންނަތު ބުނެފައިވާގޮތުގައި އޭނާގެ ފައިގެ ވާގި ނެތުނީ ކުޑައިރުގައެވެ. އެކަމާހުރެ ކައިވެނި ކުރާނެ މީހަކު ނުވެ އެވެ. ޖަންނަތު ނިސްބަތްވަނީ މޮރިޚޮންގް އަވަށަށެވެ.

ޖަންނަތު ބުނެފައިވަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ މަންމައާއި ބައްޕަ މަރުވެފައިވާކަމަށާއި މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ ކޮއްކޮ ޝަމީމާއާއި އެކުގައި ކަމަށެވެ.

ޖަންނަތު ބުނެފައިވަނީ ބަންގްލަދޭޝް އާއި ހަމައަށް އައުމުގައި އެހީވުމަށް ދެ ޒުވާނަކަށް މިޔަންމާ ފައިސާގެ ތިން ލައްކަ ދިން ކަމަށާއި ބަންގްލަދޭޝް އަށް އައީ އެ ދެ ޒުވާނުންގެ އެހީގައި ކަމަށެވެ.

ޖަންނަތުގެ ކޮއްކޮ ޝަމީމާ ބުނެފައިވަނީ ބައްޕަ ރައްކާ ކޮށްފައިހުރި ފައިސާއިން މިހާރުހުރީ ވަރަށް މަދު އަދަދެއް ކަމަށާއި އެ ފައިސާ ހުސްވެއްޖެ ނަމަ އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް