ބޭހަށް ނުކަތާ ވަރުގެ މެލޭރިޔާގެ ވައްތަރެއް އޭސިއާގެ ބައެއް ގައުމުތަކުން ފެނިފައިވާކަމަށާއި މި ބަލި އެފްރިކާ ބައްރަށް ފޯރައިފި ނަމަ ކޮންޓްރޯލް ކުރަން ވަރަށް އުދަނގޫވާނެ ކަމަށް ސައިންޓިސްޓުން ބުނެފި އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންޓިސްޓުންތަކެއް ބުނެފައިވަނީ ބޭހަށް ނުކަތާ ވަރުގެ މެލޭރިޔާގެ ވައްތަރެއް އުފެދިފައިވަނީ މެލޭރިޔާ ބަލި ޖައްސާ ޕެރަސައިޓް އެހެން ސިފައެއްގައި މަދިރި މެދުވެރިކޮށް ފެތުރެން ފެށުމުން ކަމަށެވެ. އެމީހުން ސިފަކުރާގޮތުގައި މިއީ "މިއުޓެންޓް މެލޭރިޔާ" އެކެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ނިކޮލަސް ވައިޓް ބުނެފައިވަނީ މިކަމަށް އަވަސސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. ނޫން ނަމަ ނަތީޖާ ވަރަށް ގޯސްވެދާނެ ކަމަށެވެ.
ސައިންޓިސްޓިންގެ ޓީމުން ހާމަކޮށްފައިވާގޮތުގައި މެލޭރިޔާގެ މި ވައްތަރު ފެތުރެން ފަށާފައިވަނީ ކެމްބޯޑިޔާގެ ހުޅަނގު ބިތުންނެވެ. އަދި މިހާރު މި ބަލި އެގައުމުން ތައިލެންޑަށް އަދި ލާއޯސްގެ ދެކުނަށާއި ވިއެޓްނާމްގެ ދެކުނަށް ފޯރާފައިވާކަމަށް އެ ޓީމުން ހާމަކޮށްފައި ވެ އެވެ. ކެމްބޯޑިއާގެ ބައެއް ސަރަހައްދުތަކުގައި ބޭހަށް ނުތަކާ ރޭޓު 60 އިންސައްތައަށް އަރާފައިވާއިރު ވިއެޓްނާމްގައި މެލޭރިޔާ ބޭހަށް ނުކަތާ ރޭޓް ތިންބައިކުޅަ އެއްބަޔަށް ވެއްޓިފައިވާކަމަށްވެސް އެ ޓީމުން ހާމަކޮށްފައި ވެ އެވެ.
އެ ޓީމުން އިތުރަށް ފާހަގަކޮށްފައިވާގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މި ބަލި އެފްރިކާ ބައްރާއި ހަމައަށް ހިނގައިދާނެތީ އެވެ. އެއީ އަހަރަކު ދުނިޔޭގެ 212 މިލިޔަން މީހުންނަށް މެލޭރިޔާގެ އަސަރު ކުރާއިރު 90 އިންސައްތަ ހިއްސާ ކުރަނީ އެފްރިކާ ކަމުގައިވާތީ އެވެ.
ވޯލްޑްވައިޑް އެންޓި މެލޭރިޔަލް ރެސިސްޓެންޓް ނެޓްވޯކްގެ ޑިރެކްޓަރު ފިލިޕް ގޭރިން ވިދާޅުވެފައިވާގޮތުގައި މެލޭރިޔާގެ މި ވައްތަރު އޭސިޔާ ބައްރު ހުރަސްކޮށް އެފްރިކާ ބައްރަށް ފޯރައިފިނަމަ، މެލޭރިޔާ ޖެހިގެން މަރުވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަތުވެދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް