ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް މިއަދު އެ ބޭންކުން ބަދަލު ގެނެސްފިއެވެ. މި ގެނެވުނު ބަދަލުތަކަށް ވަގުތުން ފެށިގެން އަމަލުކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެއެވެ. އަދި ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމުގައިވެސް އެ ބޭންކުން ބުނެއެވެ.
ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ތިރީގައި މިވަނީއެވެ.
- މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
- މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
- މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.
މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ، ކާރލް ސްޓުމްކަ ވިދާޅުވެފައިވަނީ މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން ކަމަށާއި ބޭންކުން ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް ކަމަށެވެ.
އޭނާ ވިދާޅުވެފައިވާގޮތުގައި މިއަހަރުތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑުކަމަށާއި ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާކަމެއް ކަން ފާހަގަކުރައްވައި އިތުރަށް ވިދާޅުވެފައިވަނީ ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު %75 ދަށް ކަމަށެވެ.
" ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން. ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ. މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރަން. އަޅުގަނޑުމެންނާއެކު އެކައުންޓެއް ހުޅުވުމަކީ ފަސޭހަ ކަމެއް - ބްރާންޗަކަށް ޒިޔާރަތް ނުކޮށް ކަސްޓަމަރުންނަށް އިންޓަރނެޓް ނުވަތަ މޯބައިލް ބޭންކިންގ މެދުވެރިކޮށް ވަގުތުން ޔޫއެސްޑީ އެކައުންޓެއް ހުޅުވޭނެ." ބޭންކުން ބުނެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބޭންކުން މިއަދު ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއްކުރާނެ ބަދަލެއްކަން އެ ބޭންކުން ގަބޫލުކުރާ ހިނދު މިއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރުފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް