ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ ނަމޫނާކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ 'ހެޔޮ ނަމޫނާގެ ބޭނުންތެރިކަން' މި މައުލޫއަށް ހާއްސަކޮށްފިއެވެ.
ޙުޠުބާގައި ބުނީ، އަހަރެމެން މުސްލިމުންގެ ޝަހުސިއްޔަތު އޭގެ މަތީގައި ގާއިމު ވެފައިވާ ތަނބުތަކުގެ ތެރޭގައި ރިވެތި ނަމޫނާ ހިމެނޭ ކަމަށެވެ.
ގައުމުގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ލިބެމުން ނުދާކަމަށް ބުނެ މައިންބަދައިންނާއި މުރައްބީން މިއަދު ޝަކުވާ ކުރަމުން ދާކަމަށް ޚުޠުބާގައި ބުންޏެވެ.
"ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ ނަމޫނާ. ބަހުގެ އަސަރަށްވުރެ ކަމުގެ އަސަރު ބޮޑުވާނެ" ޚުޠުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ، ކީރިތި ރަސޫލާ އަކީ ޚާދިމުންނާއި މުއާމަލާތު ކުރުމުގައިވެސް ރިވެތި ނަމޫނާ ދެއްކެވި ބޭކަލެއް ކަމަށެވެ. އެފަދަ މީހުންނާއެކުވެސް ރަސޫލާ މުހާތަބު ކުރައްވާފައި ވަނީ އޯގާތެރިކަމާއި ނިޔަނެތި ކަމާއެކުގައި ކަމަށް ޚުޠުބާގައި ބުންޏެވެ.
"އެކަލޭގެފާނު އެއްވެސް ޚާދިމެއްގެ ނުވަތަ އެހީތެރިއެއްގެ އަގު ވައްޓަލެއް ނުލައްވާ. އެކަލޭގެފާނު އެމީހުން ނިކަމެތިކޮށް ނުލައްވާ" ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ޚާދިމުންނާއި އެހީތެރިންނާއި މުވައްޒަފުންނާ މުހާތަބު ކުރާއިރު ތަބާވާންޖެހޭ އަހުލާގީ މިންގަނޑު ރަސޫލާ ވަނީ ހާމަކޮށްދެއްވާފައި ކަމަށެވެ. އަދި ރަނގަޅު ނަމޫނާ ފެނުމަކީ އަނެކުންނަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ނަމޫނާއަކީ ވަރަށް ނުފޫޒުގަދަ އެއްޗެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އިސްލާމް ދީނަކީ ނަމޫނާގެ ދީން ކަމަށެވެ. އަދި އިސްލާމް ދީން މި ބިމުގެ ކަންކޮޅުތަކަށް ފެތުރުނީ މުސްލިމުން ދެއްކި ރިވެތި ނަމޫނާގެ ސަބަބުން ކަމަށެވެ.
ޚުޠުބާގައި ބުނީ ރަނގަޅު ނަމޫނާތަކެއް ލިބޭނީ އަހަރެމެންގެ ދަރީން ރަނގަޅަށް ތަރުބިއްޔަތު ކުރުމުން ކަމަށެވެ. އަދި ރަނގަޅު ދަރިން ދެއްވުމަށް އެދު ދުއާ ކުރުމަށް މާތް ﷲ އެންގެވީ އެ ސަބަބަށްޓަކައި ކަމަށެވެ.
ޒުވާނުންނަށް މިއަދު ކުރިމަތި ވެފައިވާ މައްސަލަތަކުގެ ތެރޭގައި، އަހަރެމެންގެ ކިބައިން އެ ކުދިންނަށް ރިވެތި ނަމޫނާ ނުފެނުން ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ.
އޭގެ އިތުރުން ޚުޠުބާގައި ބުނީ މި ގައުމު އެދި ގޮވަނީ ވިސްނުން ތޫނު، ވާޖިބު އަދާކުރާ، އިލްމުވެރި، ގާބިލު މުއުމިނު ޒުވާނުންނަށް ކަމަށެވެ. އެފަދަ ޒުވާނުން ބިނާ ކުރެވޭނީ ތައުލީމާއި ތަމްރީނު ދީގެން ކަމަށް ޚުޠުބާގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް