ޕާކިސްތާންގެ ބަލޫޗިސްތާން ޕްރޮވިންސްގެ ޚުޒްދާރުގެ ކުއެޓާ-ކަރާޗީ ނޭޝަނަލް ހައިވޭގެ ޖަލަވާން ކޮމްޕްލެކްސްއަށް ބަޔަކު ހޭންޑް ގްރެނޭޑެއް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ޑޯން ނޫހުން ބުނެފި އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ޒަޚަމްވީ އެހާދިސާ ހިނގި އިރު އެ ސަރަހައްދުން ހިނގާފައިދިޔަ ފިރިހެނަކާއި ކުޑަކުއްޖަކު ކަމަށެވެ.
"ޑޯން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަހަމްވި މީހުންނަކީ މުހައްމަދު އަސްލަމް ޝަހުޒާއީ އާއި މުހައްމަދު އަރުޝަދު (10އ) އެވެ. ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ޒަހަމްވި މީހުން ޑިސްޓްރިކްޓް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
މަސްތޫންގްގެ މޭޖާ ޗޯކްގައި ހިނގި އިތުރު ހާދިސާއެއްގައި ވަނީ ހޭންޑް ގްރެނޭޑް ހަމަލާއެއް ދީފަ އެވެ. ގްރެނޭޑް ގޮވުމުގެ ސަބަބުން ކައިރީގައި ހުރި ފިހާރަތަކާއި އިމާރާތްތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ނަމަވެސް މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޑޯން ނޫހުން ބުނެއެވެ.
ކަރާޗީގައި ފުލުހުންގެ ވެހިކަލަކަށް ބަޔަކު ހޭންޑް ގްރެނޭޑެއް އެއްލުމުން ޕާކިސްތާނުގެ ތިން ފުލުހަކަށް އަނިޔާވި މިފަދަ ހާދިސާއެއް ކަރާޗީގައި ވެސް ހިނގާފައިވާ ކަމަށް އޭއާރުވައި ނިއުސް އިން އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.
ކަރާޗީގެ ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ވިދާޅުވީ ސަޗަލް ކަރާޗީގައި ފުލުހުންގެ ވެހިކަލަކަށް ހޭންޑް ގްރެނޭޑް ކްރޭކަރެއް އެއްލުމުން ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ބަލޫޗިސްތާން ޕްރޮވިންސްގެ ނަސީރާބާދުގައި ޑެރާ މުރާދު ޖަމާލީގައި ހުންނަ އެސްއެސްޕީގެ ސްކޮޑަށްވެސް ބަޔަކު ހޭންޑް ގްރެނޭޑެއް އެއްލި ހާދިސާއެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްއެސްޕީ ނަސީރާބާދު ހުސައިން ލެހްރީ އޭނާގެ ސްކޮޑާއެކު ރޫޓިން ޕެޓްރޯލަކަށް ފަހު އެނބުރި އަންނަނިކޮށް ހޭންޑް ގްރެނޭޑް ގޮއްވާލި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ބޮން ގޮއްވާލުމާ އެކު ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓާއި ބޮން ޑިސްޕޯސަލް ސްކޮޑުން ވަނީ އެ ސަރަހައްދަށް ގޮސް އެ ސަރަހައްދު ބަންދުކޮށްފަ އެވެ.
މީގެ އިތުރުން އޭއާރުވައި ނިއުސް އިން ބުނި ގޮތުގައި ގާޑަން ސަރަހައްދުގައި ހުންނަ ކަރާޗީ ޕޮލިސް ހެޑްކުއާޓާސްގައި ހޭންޑް ގްރެނޭޑެއް ގޮއްވާލުމުން ދެ ފުލުހަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވި މިފަދަ ގްރެނޭޑް ހާދިސާއެއް މީގެ ކުރިން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް