ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން" މެންޓަލް ފިޓްނެސް ފޯރ ހައި ޕާރފޯރމާރސް" ގެ ނަމުގައި ހާއްސަ ވޯރކްޝޮޕެއް ބާއްވަން އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)އިން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، އަސްބާގެ ފައުންޑަރ އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ، މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި އޮންނަ "މެންޓަލް ހެލްތް ސްޓިގްމާ" ނައްތާލުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންތިޒާމުކުރި ކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ވޯރކްޝޮޕްގައި 70-100 އާއި ދެމެދުގެ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާނެކަމަށެވެ.
އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ވޯރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސެޝަންތަކުގައި މައުލޫމާތު ހިއްސާކުރައްވާނީ ދާއިރާގެ ތަޖުރިބާކާރުންނެވެ. 2 ސެޝަނެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ސެޝަންގައި މައުލޫމާތު ދެއްވާނީ އިނގިރޭސިވިލާތުގެ ނޯތުމްބްރިއާ ޔުނިވަރސިޓީން އޮކިއުޕޭޝަނަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން މާސްޓަރ އޮފް ސައިންސަސް ޑިގްރީ ހާސިލް ކުރައްވާފައިވާ އާސިޔަތު ނަސޫހާއެވެ. ނަސޫހާ އަކީ ޕަބްލިކް ސެކްޓަރގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި ކޮންސަލްޓެންސީ ރޯލްތަކެއް އަދާކޮށްފައިވާ އޯގަނައިޒޭޝަނަލް ސައިކޮލޮޖިސްޓެކެވެ.
ދެވަނަ ސެޝަން ނަގައިދެއްވާނީ ލީޑަރޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފާތިމަތު ޝިފާޒާއެވެ. ވޭތުވެދިޔަ 10 އަހަރު އެޑިއުކޭޝަނަލިސްޓެއްގެ ގޮތުގައި ޝިފާޒާ ވަނީ މަސައްކަތް ކުރައްވާފައެވެ. މި ވޯރކްޝޮޕްގެ އިތުރަށްވެސް ކުރިޔަށް އޮތްތަނުގައި އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމްކުރުމަށް ހަމަޖެހިފައިވާކަމަށް އަސްބާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް