އުރީދޫ ހެލްތް ކިޓް އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތަކާއި ހަވާލުކޮށްފި

އުރީދޫއިން ރާއްޖޭގެ ސިއްހީ މަރުކަޒުތަކަށް ހަދިޔާ ކުރަން ނިންމާފައިވާ ހެލްތް ކިޓް އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތަކަށް ހަވާލުކޮށްފި އެވެ. އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތައް ކަމަށްވާ ހުޅުމީދޫ، ފޭދޫ އަދި މ...

25 Aug 2022 | 07:56

އުރީދޫއިން ރާއްޖޭގެ ސިއްހީ މަރުކަޒުތަކަށް ހަދިޔާ ކުރަން ނިންމާފައިވާ ހެލްތް ކިޓް އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތަކަށް ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތައް ކަމަށްވާ ހުޅުމީދޫ، ފޭދޫ އަދި މަރަދޫފޭދޫގެ ސިއްހީ މަރުކަޒުތަކަށް ކިޓު ވަނީ ހަވާލުކޮށްފަ އެވެ. އުރީދޫ ހެލްތް ކިޓް އެ މަރުކަޒުތަކާއި ހަވާލު ކޮށްދެއްވީ އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.

އުރީދޫން މައުލޫމާތު ދޭގޮތުގައި މި މަސައްކަތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ ކަމެކެވެ. މި މަސައްކަތުގެ ދަށުން167 ސިއްހީ މަރުކަޒަކަށް ކިޓު ހަދިޔާ ކުރެވޭނެ އެވެ.

މި ހެލްތް ކިޓުގައި ހިމެނޭ ތަކެތީގެ ތެރޭގައި ސްޓެތެސްކޯޕާއި ޑިޖިޓަލް ސްފިގްމާނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕާއި ޑިޖިޓަލް ތާމޯމީޓަރާއި ނެބިއުލައިޒަ މެޝިން ފަދަ ސިއްހީ ފަރުވާ އަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނެ އެވެ.

މި މަސައްކަތުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ރާއްޖެ ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމެވެ. އުރީދޫން ބުނީ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓު ހަދިޔާކުރަން އުރީދޫން ނިންމީ، އެ ކުންފުނީގެ ސީއީއޯ ހާލިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި އަހަރުގެ މާޗު މަހު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

އުރީދޫން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ސާމާނު ކުރިން ވެސް ހަދިޔާކޮށްފަ އެވެ. އެ ކުންފުނިން ވަނީ 2018 ވަނަ އަހަރު އޮކްސިޖަން ސިލިންޑަރާއި އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ވެސް ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް