ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން އިއްޔެ ރޭ ޓީޗަރު ހައްޔަރު ކުރީ އޭނާ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ އާންމުން އެ ޓީޗަރު ހިފަހައްޓައިގެން އަނިޔާ ކުރަނިކޮށެވެ. އެމީހާއަށް ފުލުހުން ފުރަތަމަ އެހީވުމަށް ފަހު އޭގެ ގަޑިއެއްހާއިރު ފަހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ ހުޅުމާލޭ ސްކޫލެއްގެ އުމުރުން29 އަހަރުގެ ދިވެހި ފިރިހެން ޓީޗަރެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިދިނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކަމަށެވެ.
މި މައްސަލައިގަ އެމީހާ އާއި ދެކޮޅަށް ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނީ އޭނާއަށް އަނިޔާ ކުރާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ15 ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޓީޗަރާއި ދެކޮޅަށް އެ މިނިސްޓްރީއަށް ޝަކުވާ ހުށަހެޅި މިމަހުގެ17 ވަނަ ދުވަހު ކަމަށެވެ. ހަމަ އެ ދުވަހު ޓީޗަރު ސަސްޕެންޑުކޮށްފައިވާނެ ކަމަށާއި ތުހުމަތު ކުރަނީ ޓިއުޝަން ދިނުމުގެ ނަމުގައި ދަރިވަރު އެގެއަށް ގެންގޮސް ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯއެއް ދެއްކި މައްސަލައިގަ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް