ޕްރިމިއާ ލީގު ތާރީޚުގައި އެންމެ މޮޅު ޑިފެންޑަރ ކުޅުންތެރިއަކީ ވިޑިޗް

އިނގިރޭސި ޕްރިމިއާ ލީގު ވުޖޫދު ވިތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އެންމެ މޮޅު ޑިފެންޑަރ ކުޅުންތެރިއަކު ހޮވުމަށް ވޯޓެއް ނަގައިފ...

25 Aug 2022 | 05:11

އިނގިރޭސި ޕްރިމިއާ ލީގު ވުޖޫދު ވިތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އެންމެ މޮޅު ޑިފެންޑަރ ކުޅުންތެރިއަކު ހޮވުމަށް ވޯޓެއް ނަގައިފިއެވެ.

ޕްރމިއާ ލީގުގެ ފޭނުންގެ މެދުގައި ނެގި މި ވޯޓުން އެއްވަނަ ހޯދައިގެން ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގައި ކުޅުނު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ސާބިއާއަށް އުފަން އަދި މެންޗެސްޓަރ ޔުނައިޓެޑަށް ގިނަ އަހަރުތަކެއް ވަން ދެން މޮޅު ކުޅުމެއް ދައްކާފައިވާ ކުރީގެ ލެޖެންޑް ނިމެންޖާ ވިޑިޗްއެވެ.

މި ވޯޓު ކުރިޔަށް ގެންދިޔައީ ފަސް ރައުންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ކުއާޓާ ފައިނަލް 1، ކުއާޓާ ފައިނަލް 2، ކުއާޓާ ފައިނަލް 3، އަދި ސެމީ ފައިނަލް އާއި ފައިނަލް 1 އަދި ފައިނަލް 2، ގެ ރައުންޑެވެ. މި ހުރިހާ ރައުންޑަކުން އެންމެ ކުރި ހޯދައިގެން އެންމެ ފައިނަލް ބުރަށް ހޮވުނީ ވެންޑައިކް އާއި ވިޑިޗްއެވެ. ވިޑިޗް ފައިނަލް ބުރު ކާމިޔާބު ކުރީ މި ބުރުގައި ނެގި ވޯޓުގެ 54.5 އިން ސައްތަ ހޯދައިގެންނެވެ. އަދި ދެވަނަ އަށް ދިޔަ ވެންޑައިކް އަށް ލިބިފައިވަނީ ނެގި ވޯޓުގެ 45.5 އިން ސައްތައެވެ.

ވިޑިޗް އަކީ މެންޗެސްޓަރ ޔުނައިޓެޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ސްޕާޓާ މޮސްކޯއިން 2006 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު ވިޑިޗް ވަނީ ޔުނައިޓެޑުގައި އަށް ސީޒަން ހޭދަކޮށްފައެވެ. ވިޑިޗް ވަނީ ޔުނައިޓެޑަށް ކުޅެދިން 2011 މެޗުގައި 15 ގޯލު ޖަހައިދީފައެވެ. އަދި އެޓީމާއި އެކު ޕްރިމިއާ ލީގު ފަސް ފަހަރު، ލީގު ކަޕް ތިން ފަހަރު، އެފް އޭ ކޮމިޔުނިޓީ ޝީލްޑް ފަސް ފަހަރު، ޔޫއެފާ ޗެމްޕިއަނސް ލީގު އެއް ފަހަރު ހޯދުމުގެ އިތުރުން ކުލަބު ވޯލްޑް ކަޕެއް ވެސް ޔުނައިޓެޑާއި އެކު ހޯދާފައެވެ.

ވިޑިޗް ޔުނައިޓެޑާއި ވަކިވީ 2014 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް