އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މަޝްހޫރު ފަންނާނު ކިމް ކާޑޭޝަންގެ ފިރިމީހާ ކާންޔޭ ވެސްޓުގެ ނަން ބަދަލު ކުރަން ކޯޓަށް ހުށަހަޅައިފި އެވެ.
ނަން ބަދަލު ކުރުމަށް އޭނާ ހުށަހެޅީ އެމެރިކާގެ ލޮސް އެންޖަލެސްގެ ސުޕީރިއާ ކޯޓަށެވެ. ކާންޔޭގެ ފުރިހަމަ ނަމަކީ ކާންޔޭ އޮމަރީ ވެސްޓެވެ.
ކާންޔޭ ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައި އެދިފައިވަނީ ނަމުގެ ކުރިއަށް އަދި ފަހަތަށް އާއިލީ ނަންވެސް ނުލައި ހަމަ އެކަނި "ޔޭ" އަށް ބަދަލުކޮށްދިނުމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މިކަމާއި ގުޅޭގޮތުން ކާންޔޭގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށްފައިވާއިރު މިހާރު އިންތިޒާރު ކުރަމުންދަނީ ފަނޑިޔާރު ނިންމަވާ ގޮތަކަށެވެ.
އޭނާ މީގެ ކުރިން ބުނި ގޮތުގައި ނަން ޔޭ އަށް ބަދަލު ކުރަން ބޭނުންވަނީ އަމިއްލަ ސަބަބުތަކަކަށް ޓަކައާއި އޭނަ ދީނީ ގޮތުން ގަބޫލު ކުރާ ގަބޫލް ކުރުންތަކަކާއި ގުޅިގެންނެވެ.
ކާންޔޭގެ މިއުޒިކީ މަސައްކަތްތަކަށް ބަލާއިރު މި ހަފްތާ ތެރޭގައި އޭނާގެ 10 ވަނަ ސްޓޫޑިއޯ އަލްބަމް "ޑޮންޑާ" ރިލީޒް ކުރާނެ އެވެ.
ނަން ބަދަލު ކުރަން ކޯޓަށް ކާންޔޭ ހުށަހެޅި އިރު ކިމް އާއި ދެމަފިރިން ވަރިވާންވެސް އޮތީ ކޯޓަށް ހުށަހަޅާފައި އެވެ. މިދިޔަ ފެބްރުއަރީ މަހު ކާންޔޭ އާއި ކިމް ވަރިވާން ކޯޓަށް ފޯމް ހުށަހެޅި ނަމަވެސް މިހާތަނަށް ދެމީހުން ވަރިވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް