ބިންތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް އޮތުމަކީ އޮތް ގެއްލުމަކަށް ވެދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނާ ފުށުއަރާތީ ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށ ބަހުސްކުރުމަށް ހުޅުވާލުމުން މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، މައި ސަރުކާރުގެ ބާރުގެ ދަށުގައި ކަންކަން ހުރުމަކީ ޔުނިޓަރީ ދައުލަތެއްގެ ސިފައެއްކަމަށެވެ. ކައުންސިލްތައް އޮވެ އެ ސަރަހައްދުތަކުގެ ބިންތައް އެ ބަޔަކު ބޭނުން ގޮތަކަށް ދޫކޮށް ހެދުމަކީ ފެޑަރަލް ސިސްޓަމެއްގެ ސިފަ ކަމަށެވެ.
ޤާސިމް ވިދާޅުވީ ރާއްޖޭގެ ކައުންސިލްތަކުގައި ތިއްބެވި ބޭފުޅުންގެ ކެޕޭސިޓީއަށް ބަލާއިރު، ދިގު މުއްދަތަށް ނުވަތަ 99 އަހަރަށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދައެއް ނުލިބި ބިން ދޫކުރެވޭ ގޮތަށް އޮތުމަކީ ގެއްލުމަކަށް ވެދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"ޔުނިޓަރީ ދައުލަތެއްގެ އޮންނަ އޮންނަ ސިފަ އެއްވެސް ނުމެނޫން މެ މިދެންނެ ވިހެން އެ އަތޮޅެއްގެ ހުންނަ ތަންތަނުގެ ފަޅުތަކާ ރަށްތަކާ އެއްޗެހި ދިނުމަކީ. އަޅުގަނޑަށް މި ދެއްކެވީ މި ބިލުގަ އޮތްގޮތާ ހިލާފަށްކަން ނުވަތަ ލާމަރުކަޒީ ޤާނޫނާ ހިލާފަށް ނޫންކަމެއްވެސް ނޭނގެ." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރާއްޖޭގެ އުސޫލުތައް ހުންނަންޖެހޭނީ ޔުނިޓަރީ ދައުލަތެއްގެ ސިފަތައް ހުންނަގޮތަށް މައި ސަރުކާރުގެ ބާރުގެ ދަށުގައި ތަންތަން ހުންނަގޮތަށް ކަމަށެވެ. މިއީ ޔުނިޓަރީ ދައުލަތެކަން ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ފެޑަރަލް ސިސްޓަމެއްގައި އޮންނަގޮތަށް ކަންކަން ރާވައިފިނަމަ ބޮއްސުންލައިގެން ހިނގައިދާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް