ޔާމީން ދައްކަންޖެހޭ ޖުރިމަނާ ފައިސާ ނުދައްކައިގެން މައްސަލަ ކޯޓަށް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ޖުރިމަނާގެ ގޮތުގައި ދެއްކުމަށް ހުކުމްކޮށްފައިވާ ފައިސާ ދައްކާފައިނުވާ މައްސަލައިގައި އެ ފައިސާ ހޯދުމަށް ...

25 Aug 2021 | 10:29

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ޖުރިމަނާގެ ގޮތުގައި ދެއްކުމަށް ހުކުމްކޮށްފައިވާ ފައިސާ ދައްކާފައިނުވާ މައްސަލައިގައި އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރު، ރައީސް ޔާމީން އެ ފައިސާ ދައްކަވާފައެއްނުވެއެވެ.

އެމައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނުސްބަޔާނުގައި ލިޔެފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ (ކ)ގެ 1 ވަނަ ނަންބަރުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާ އިން ރައީސް ޔާމީނަށް ފޮނުވި ނޯޓިސްއާ ހަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވާކަމަށެވެ.

އެހެންކަމުން ދައުލަތަށް ލިބެންޖެހޭ އެފައިސާ ހޯދުމަށް 24 އޮގަސްޓް 2021 ގައި އޭޖީ އޮފީހުން ސިވިލް ކޯޓަށް ހުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ އޮފީހުގެ ބަޔާނުގައި ވެއެވެ. އަދި މައްސަލައިގައި އެދިފައިވާނީ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ 5،000،000 މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކުރުމަށް ކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ވެ އެވެ.

މި މައްސަލައިގައި އޭޖީ އޮފީހުން ބުނެފައިވަނީ މި މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް