އިދިކޮޅަށް ހަސަންގެ ސުވާލެއް: ވެރިކަމުގައި ކޮންކަމެއް ކޮށްދެވިގެންތޯ 2023 ކަށަވަރު ތިޔަ ކުރަނީ؟

އިދިކޮޅު ފަރާތްތަކުން 2023 ކަށަވަރުކުރަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ކޮން ކަމެއް ކޮށްދެވިގެންތޯ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ސުވާލު އުފައްދައިފިއެވެ. ޒަރީރު މި ސުވާލު އުފ...

25 Aug 2021 | 10:26

އިދިކޮޅު ފަރާތްތަކުން 2023 ކަށަވަރުކުރަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ކޮން ކަމެއް ކޮށްދެވިގެންތޯ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ސުވާލު އުފައްދައިފިއެވެ.

ޒަރީރު މި ސުވާލު އުފެއްދީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޤާނޫނުން ދީފައިވާ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙުތަކަށް ބަހުސްކުރުމުގެ ތެރެއިން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުތަކުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ މިއަދު ވަނީ ފަށާފައެވެ. ޤާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެކައުންސިލުތަކުން ދޫކޮށް، ކުއްޔަށްދީ ހެދުމުގެ ބާރުވެސް ދީފައިވެއެވެ. ރަށްރަށުގެ ބިންތަކުގެ ތެރެއިން ދިރިއުޅެންނޫން ބޭނުންތަކަށްވެސް ބިންތައް އެކިބޭނުންތަކަށް ދޫކުރުމުގެ ބާރު ކައުންސލްތަކަށް ލިބިދެއެވެ.

ބިމުގެ މިލްކުވެރިކަން ކައުންސިލްތަކަށް ލިބިގެންދާއިރު ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ބޭނުންކުރަންވާނީ އެކި ފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، އެބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ވަނީ ބުނެފައެވެ.

ބިލް ހުށަހެޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން ބިލް ހުށަހެޅުއްވި މެމްބަރު ހަސަން ޒަރީރު ވިދާޅުވީ ބިމާއިބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙަކީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިދިނުމަށް ސަރުކާރުން ތަނަވަސްކޮށްދޭ އެންމެ ފަހި ފުރުސަތުކަމަށެވެ. ނިމިދިޔަ ވެރިކަން ތަކުގައި ބިންތަކާއި، ބިމުގެ މިލްކުވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނިންމަމުންދިޔަ ކަންތައްތަކެއް ކަމަށް ވީނަމަވެސް މިސަރުކާރުން އެކަން ބަދަލުކޮށްލަނީ އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލްތަކަށް ކަމަށެވެ.

"އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ ކޮންކަމެއް ތިޔަބޭފުޅުންގެ ވެރިކަމުގައި ކޮށްދެވިގެންތޯ 2023 ތިޔަބޭފުޅުންނަށް ކަށަވަރުވެގެން ތިޔަ އުޅެނީ. އަޅުގަނޑުމެންނަށް ކަންކަންވީގޮތް ފެނުނު. މާލެ ސިޓީ ކައުންސިލް އުޅުނު ހާލު ފެނުނު. ލާމަރުކަޒީ ޤާނޫނުންނައި، ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ނިގުޅައިގަނެ ކުޑަމިނިން އޮފީހުންވެސް ބޭރުކޮށް މަގުމަތިކޮށްލި. މާލަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް." ޒަރީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުން ލިބިދީފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުމަށް ސަރުކާރުންވަނީ ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ ޤާނޫނުތައް އިސްލާހުކޮށް ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. އެގޮތުން ކައުންސިލްތަކަށްލީނު ނެގުމައި ލޯނު ދޫކުރުމުގެ ބާރުވެސް ލިބިދޭ ގޮތަށް ވަނީ އިސްލާހ ހުށަހަޅާފައެވެ. ސަރުކާރުގެ އަމާޒަކީ މަރުކަޒީ ގޮތުން އޮތް ބާރުތައް ރަށްތަކަށް ދޫކޮށް، ރައްޔިތުންނަށް ބާރުވެރިކަން ލިބޭނެ ނިޒާމެއް ތަނަވަސް ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް