އަލީ ވަހީދު ޔޫކޭގައި ހައްޔަރުކޮށްފި

ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ ޔޫކޭގައި ހުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ދެންމެ އެ ގައުމުގައި ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކުރީ ދައުވާވަތކާ ބެހޭ ގޮތުން ޕްރެސް ކ...

25 Aug 2021 | 10:26

ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ ޔޫކޭގައި ހުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ދެންމެ އެ ގައުމުގައި ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރީ ދައުވާވަތކާ ބެހޭ ގޮތުން ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވަނިކޮށް އެތަނުންނެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ބޭރަށް ފުރާވަޑައިގެންނެވުނީ އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ. ދައުލަތުން ޓްރެވަލް ޑޮކިއުމެންޓެއްގައި ވަކި މުއްދަތަކަށް ހުއްދަ ދޭން އެދިފައި އޮއްވައި އަޑުއެހުމަށް އައިޖީއެމްއެޗުގެ ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ހާޒިރުކޮށް، ކޯޓުން އަލީވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ރާއްޖެ އިން އޭނާގެ އޮޕަރޭޝަން ކުރުމުގެ ރިސްކު ބޮޑު ކަމަށް ނިންމަ އެވެ.

މީގެ އިތުރުން ޕާސްޕޯޓް ދޫކޮށްލިއިރު، އޭނާގެ މައިބަދައިގެ މައްސަލައަކަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމަށް ބުނެ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވެ އެއްބަސްވުމެއް ވެސް ހެދި އެވެ.

އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު އަލީ ވަހީދު ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭކަން އަންގައި، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެދިފަ އެވެ. އެގޮތުގެ މަތިން ކުރިމިނަލް ކޯޓުން އިންތިޒާމްތައް ހަމަޖައްސައިދިނެވެ.

އެއާއެކު އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ އޮންލައިންކޮށް ކުރިޔަށްގެންދަން ފަށާފައެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހުށަހަޅާފައެވެ. އަލީ ވަހީދު ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ބައިވެރިވަމުންދިޔައީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ހުކުމް ކުރީ އެ މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ކެނޑިކަމަށެވެ. އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވަނީ އިއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް