ޗިޅިޔާ މޫސާ މަނިކު ނުވަތަ އޭނާގެ ޢާންމު ނަމުން ދަންނަވާނަމަ، ޗިޅިޔާއަކީ، ރާއްޖޭގެ ތަމްސީލު ކުޅުމުގެ ދާއިރާގައާއި، ދިވެހި ފިލްމީ ދާއިރާގައި އާ ނަމަކަށް ނުވާނެއެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މިއަދުވެސް ޙަރަކާތްތެރިވަމުންދާ ފަންނާނުންގެ އެދުރެއްގެ ގޮތުން، އެންމެ ކުރީ ސަފުގައި ހުންނެވި ބޭފުޅަކީ، ޗިޅިޔާއެވެ. އަދި ޗިޅިޔާ މޫސާ މަނިކަކީ، ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސް މެއެވެ.
ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި "މުޙައްމަދު ތަކުރުފާނު" އާދެ! "ޣާޒީ ބަންޑާރައިން" މި ފިލްމުންނެވެ. މި ފިލްމުން ފެނުނު ޗިޅިޔާގެ ފުރަތަމަ ފެނިލުމުންވެސް އޭނާއަކީ، ފިލްމީ ދާއިރާގައިވެސް މުސްތަޤްބަލެއް އޮތް ބޭފުޅެއްކަން ކަށަވަރުވެގެންދިޔައެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް، ގިނަ ބައެއްގެ ތަޢުރީފު ލިބިގެންދިޔައީ، ޙަޤީޤަތާ އެއްގޮތަށް އޭނާ އެ ދެއްކެވި މޮޅު ހުނަރުގެ ސަބަބުންނެވެ.
ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވަޑައިގެންނެވުނީ، ތަމްސީލު ކުޅުއްވުމުގެ ދާއިރާގެ ތެރެއިންނެވެ. އެއީ 1977 ވަނަ އަހަރުއެވެ. މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރެއްވިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުންނެވެ. އޭގެފަހުން، އެކި ފަރާތްތަކުން ބޭއްވި ތަމްސީލު ޝޯތަކުގައިވެސް ޗިޅިޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުޅެފައިވާ ފިލްމުތަކާއި ލިބިފައިވާ އެވޯޑުތައް!
ޗިޅިޔާ މޫސާ މަނިކު 50 އަށްވުރެ ގިނަ ދިވެހި ފިލްމާއި، 30 އަށްވުރެ ގިނަ ޑްރާމާ، ޓީވީ ސިލްސިލާ ތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ.
އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ މުހައްމަދު ތަކުރުފާނު -ޣާޒީ ބަންޑާރައިން - 1983، މަޖުބޫރު ލޯބި، ލޯބީގަ އަނިޔާ، ޔަތީމް، ބަދަލު، ސިޓީ، ހަނގު އަނބި އަދި ޒަޚަމް އެެވެ. ލިބިފައިވާ އެވޯޑްތަކަށް ބަލާއިރު، 1983 ވަނަ އަހަރު ދިވެހި ސަރުކާރުން ދޭ ތަމްސީލާ ޑްރާމާކުޅުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމް، 1995 ވަނަ އަހަރު އާފަތިސް އެވޯޑް - އެންމެ މޮޅު ވާހަކަ - ޒަޚަމް، 1995 ވަނަ އަހަރު އާފަތިސް އެވޯޑް - އެންމެ މޮޅު ޑައިލޮގް - ޒަޚަމް، 1996 ވަނަ އަހަރު އާފަތިސް އެވޯޑް - އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ - ހަނގުއަނބި، 2008 ވަނަ އަހަރު ގާނިއަރ މިއަދު ކްރިސްޓަލް އިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަދި 2009 ވަނަ އަހަރު ސަރުކާރުން ދޭ ގައުމީ ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް - މުނިފޫހި ފިލުވުމުގެ ދާއިރާ، ފާހަގަކޮށްލެވެއެވެ.
އުނގަންނައިދެއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވި ފިލްމީ ދާއިރާގެ އެދުރެއް!
ފިލްމީ ދާއިރާގައި އެންމެ ފަހު ވަގުތާ ހަމައަށްވެސް ޗިޅިޔާ މޫސާ މަނިކު ދެމިހުންނެވީ، އެ ދާއިރާއަށް އޭނާގެ ހިތްޕުޅުގައި އުފެދިފައި އޮތް ބޮޑު ޝައުޤުވެރިކަމުގެ ސަބަބުންނެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ، އެއްވެސް އަގަކާ ނުލައި ވަރަށްގިނަ ދިވެހި ފިލްމާއި ޑްރާމާގައި މަސައްކަތް ކޮށްދެއްވާފައިވާ ކަމެވެ. ހަމައެއާއެކު، ދިވެހި ފިލްމީ ދާއިރާއަށާއި، މުނިފޫހިފިލުވުމުގެ ދާއިރާއަށް މިވޭތުވެދިޔަ ތާނގައި ނުކުތް ދެޖިންސުގެ އެކި ޢުމުރުގެ ފަންނާނުންނަށް މިދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތައް ފަހިކޮށްދެއްވައި، އެކަމުގެ ހުނަރު ދަސްކޮށްދެއްވުމުގައިވެސް ޗިޅިޔާވަނީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
އެކުވެރިންނާއި ގާތްކޮށް މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންގެ ބަސް!
"ވަރަށް ހިތް ހެޔޮ ވަރަށް މަޖާ ބޭފުޅެއް"
ފިލްމީ ތަރި އަދި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ޗިޅިޔާއާ ދޭތެރޭ ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ވިދާޅުވީ މިހެންނެވެ. މިޒާޖުގެ ގޮތުން ވަރަށް މަޖާ އަދި އެހާމެ އެންމެނާ ވެސް ގުޅޭ ހިތްހެޔޮ މީހެއްގެ ގޮތުގައި ޔޫއްޕެ ފާހަގަކުރިއެވެ. އަދި ދުަވަހުކު ވެސް ރުޅިވެރިކަމެއް ނުދައްކާ ކަމަށާއި ޗިޅިޔާއަކީ މަސައްކަތުގެ މައިދާނުގައި ވެސް އެންމެންނާއި ވެސް ވަރަށް ގުޅޭ ބޭފުޅެއް ކަމަށް ޔޫއްޕެ ވިދާޅުވިއެވެ.
"އެއީ ބައްޕައެއް ފަދަ ބޭފުޅެއް"
ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އެއް ޑައިރެކްޓަރު ކަމަށްވާ އަމްޖަދު އިބްރާހީމް (އަމްޖޭ) ޗިޅިޔާ ސިފަކުރެއްވީ ބައްޕައެއްގެ ގޮތުގައެވެ. އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކޮށް އަމްޖޭ ވިދާޅުވީ އެއީ ވަރަށް ގަޑިޔަށް ފަރުވާތެރި ދީނީ ކަންކަމަށް ވެސް އެހާ ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ. އެ ގޮތުން މަސައްކަތުގެ ތެރޭން ވެސް އަޅުކަމަށް ވަގުތު ހުސްކުރާކަން ފާހަގަކޮށް އަމްޖޭ ވިދާޅުވީ އެ ފަދަ އިންސާނުން ވަރަށް މަދުވާނެ ކަމަށެވެ. އަމްޖޭ ވެސް ވިދާޅުވީ ޗިޅިޔާއަކީ ހިތްހެޔޮ ބޭފުޅެއް ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި އެއީ "ރޯލް މޮޑެލް"އެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޗިޅިޔާ ވަކިވުމުން ލިބުނީ ދާއިރާއަށް ފޫ ނުބެއްދޭ ގެއްލުމެއް"
އެކްޓިން ކެރިއަރަށް 44 އަހަރު ފުރިފައިވާ ރޯނު ހަސަން މަނިކު ވިދާޅުވަނީ ޗިޅިޔާ ވަކިވުމުން ދިވެހި ފިލްމީ ދާއިރާއަށް އެ ލިބުނީ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި އަމްޖަދު އިބްރާހީމް (އަމްޖޭ) ފާހަގަކުރެއްވި ގޮތަށް އޭނާ ވެސް އިއްތިފާގުވަނީ އެއީ ވަރަށް ހިތްހެޔޮ މީހުންނާ ގުޅޭ ބޭފުލެއްގެ ގޮތުގައެވެ. އަދި ގަޑިއަށް ފަރުވާތެރި އަލަށް ތައާރަފުވާ ފަންނާނުންނަށް އެއްޗެހި ބުނެދިނުމުގައި ހަރަކާތްތެރިވި ދާއިރާގެ "ބައްޕަ" ކަމަށް ރޯނު ހަސަން މަނިކު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް