ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ދެ އެޕާޓްމެންޓެއް އެއްކޮށްލާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށް ކަމުގެ ހަގީގަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.
ފޮޓޯއިން ފެންނަީ ދެ އެޕާޓްމެންޓު ވަކިކޮށްދޭ ފާރު ތަޅާލައިގެން ދެތަން ގުޅާލާފައިވާތަނެވެ. ބައެއް މީހުން ވަނީ އެއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށްވެސް ބުނެފަ އެވެ.
އެޗްޑީސީން ބުނީ އާންމުވެގެން އުޅެނީ އަސްލު ފޮޓޯއެއް ކަމަށާއި ފާރު ތަޅާލައި ދެ އެޕާޓްމެންޓު ގުޅާލަކީ އެ ކުންފުނީގެ ހުއްދަ އާއި އެކު ކަމަށެވެ. އަދި އެއީ އާންމުން ދިރިއުޅެން ދޫކޮށްފައިވާ އެޕާޓްމެންޓުތަކެއް ނޫން ކަމަށް ބުނެ އެވެ.
އެ ކުންފުނިން ބުނީ ފޮޓޯގައި ފެންނަ ދެ އެޕާމެންޓަކީ ޓަވަރެއްގެ އެންމެ ތިރީ ފަންގިފިލާގައި ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ދެ އެޕާޓްމެންޓު ކަމަށެވެ. އެތަން ބަޔަކާއި ހަވާލުކޮށްފައިވަނީ ސުޕަމާކެޓެއް ހެދުމަށް ކަމަށް މައުލޫމާތުދެ އެވެ.
ފްލެޓް އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ލިބުމާ އެކު 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުން މިހާރު އަންނަނީ ފިނިޝިންގެ މަސައްކަތް ކުރަމުންނެވެ. އެޗްޑީސީން ވަނީ ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރު މަސައްކަތް ކުރުމުގެ ހުއްދަ ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް