މީހުން ބިނާކުރުމަކީ، ޤައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގު ބޮޑު ރައުސްމާލެއްކަމަށާއި އެކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިގޮތަށް ގޮވާލައްވާފައިވަނީ ހޮޓެލް ޖެންގައި މިއަދު ހެނދުނު ކުރިއަށް ދިޔަ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މީހުން ބިނާކުރުމަށްޓަކައި ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްޤީކޮށްގެން، ޤައުމުގެ ތަރައްޤީގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭންއާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޕްލޭނަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވަރަށް މުހިންމު ބައެއްކަމަށެވެ. އަދި މި މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެން ދާނެކަމަށެވެ.
ހަމަ އެއާއެކު ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ނުވަތަ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން، މާސްޓަރ ޕްލޭނެއް އެކުލަވައިލެވޭ މިއީ ފުރަތަމަ ފަހަރުކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޕްލޭންގެ މައިގަނޑު އަމާޒަކީ ސަރުކާރުން މިހާރު ރަށްރަށުގައި ހިންގަމުންދާ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ނިމޭއިރު، މިއިން ކޮންމެ މަޝްރޫޢަކާ އެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށެވެ. އަދި މި ޕްލޭންގެ ހަޤީޤީ މަޤްޞަދަކީ ޖިންސީ ހަމަހަމަކަމާއެކު، ރާއްޖޭގައި ތިބި ފަންނީ ހުނަރުވެރި ދިވެހި ޒުވާނުންނަށް އެ ފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްޤީކޮށް، ޙަޔާތުގެ ޢަމަލީ މައިދާނުގައި އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.
ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭންގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެ ވަރަށް ގިނަ ފައިދާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފަންނީ ވަޒީފާތަކަށް، ތަމްރީނު ލިބިފައިވާ ދިވެހީން ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް، މިމާސްޓަރ ޕްލޭންގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެކަމަށާއި، ފަންނީ ވަޒީފާތަކަށް ގެންނަ ބިދޭސީންގެ ޢަދަދުވެސް ދަށަށް ދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލެއް ލިބެން ފަށާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މި ޕްލޭންގެ ސަބަބުން މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައިވެސް، ވަރަށް މުހިންމު މަސައްކަތެއް ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ވަބާއިން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުގެ ތެރޭގައި ވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށްގެން ވިޔަސް، މީހުން ބިނާކުރުމާ ގުޅިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުންކަމުގައި ފާހަގަކުރައްވާފަ އެވެ.
އެމަނިކުފާނު ވަނީ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތައް އެބަހުރިކަމަށާއި، އޭގެ ތެރެއިންވެސް މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްސަ އިސްކަމެއް ދީގެން މީހުން ބިނާކުރަންޖެހިފައިވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.
އެހެންކަމުން މި ސަރުކާރުން އެކަމަށްޓަކައި މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީ އާއި ޕްރޮފެޝަނަލް ކައުންސެލިންގ، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލްޝިޕްތައް ހިމެނޭ ގޮތަށް، މާސްޓަރސް ފެންވަރުގެ 30 ސްކޮލަޝިޕްގެ ފުރުޞަތު، ވަރަށް އަވަހަށް ހުޅުވައިލާނެކަމުގައި ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް