ހެޔޮ ވެރިކަމުގެ ނިޒާމަކާއި ދިމާލަށް ވެރިކަން ކުރަން ކެރުނު ހަމައެކަނި ވެރިޔަކީ ރައީސްއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މަޖިލީހުގެ ބަހުސްގެ މަރުހަލާގައި މިއަދު ކުރިއަށްދިޔަ ބިމާއިބެހޭ ބިލަށް ވާހަކަފުޅު ދައްކަވަމުން ނެވެ.
ސަލީމް ވިދާޅުވީ މަރުކަޒީ ގޮތުން ހިފެހެއްޓިފައިވާ ބާރުތައް ލާމަރުކަޒީ އުސޫލުން ދޫކޮށްލުމަކީ އެ އިރެއްގައި އޮންނަ ސަރުކާރަކަށް ކުރަން ނުކެރުނު ކަމަކަށް ވީނަމަވެސް މިސަރުކާރުން އެކަން ކުރައްވަމުންދަނީ، ހެޔޮވެރިކަމުގެ މިސްރާބަށް ކަމަށެވެ.
ބިމުގެ މިލިކުވެރިކަން ކަންސިލްތަކަށް ދިނުމަށް ހުށަހެޅި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތަކެއްލިބި، ފުދުންތެރި ކައުންސިލްތަކަށް ވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ވެރިކަމުގެ ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައާއި، މާލޭގެ މުޒާރާތަކުގައި ހުރި ބާރުތައް ދޫކޮށްލުމުގެ މަސައްކަތް މި ހަފްތާ ފެށިގެން މަޖިލިސް ތެރެއިން ކުރެވިގެންދާނެ ކަމަށެވެ.
މިއާއެކު ލާމަރުކަޒީ ގާނޫނަށް ފުށުއަރާ މާއްދާތައް އިސްލާހު ކުރަން ހުށަހަޅާފައިވާ ބިމާއިބެހޭ ބިލާއި ލާމަރުކަޒީ ގާނޫނަށް ވެސް އިޝާރާތް ކުރައްވާ ސަލީމް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެ އަތޮޅެއްގެ ކައުންސިލަށް ލިބޭނެ ގޮތެއް އޮންނަން ގާނޫނުގައި އޮތްނަމަވެސް އެ ތަންތަން ރަޖިސްޓްރީ ކޮށްފައި އޮންނަނީ ފިނޭންސް މިނިސްޓްރީގެ ދަށުގައި ކަމަށް ސަލީމް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެ ތަންތަނާއި އެ ބިމުގެ މިލްކުވެރިކަން އެ އަތޮޅު ފިހާރަ ނިސްބަތްވާ އަތޮޅު ކައުންސިލަކަށް ބަދަލު ކޮށްދިނުމަށް ވެސް ސަލީމް ވަނީ ގޮވާލައްވާފަ އެވެ.
"އެއިން ކޮންމެ ފިހާރަކައަކުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭ. އެ ފައިސާ އަތޮޅު ކައުންސިލްތަކަށް ލިބޭނަމަ، އެ އަތޮޅުގެ ތަރައްގީއަށް ހޭދަ ކުރާނެ ރަނގަޅު އާމްދަނީއެއް ލިބިގެން ދާނެ." ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް