މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން އެމްއާރްޑީސީ ހިމެނޭހެން ސަރުކާރު ހިއްސާވާ 11 ކުންފުންޏެއް އުވާލަން ނިންމައިފިއެވެ.
ކުންފުނިތައް އުވާލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ލިސްޓުގައިވާ ގޮތުން އުވާލާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ވޭތުވެދިތަ 10 އަހަރު ދުވަހުގެތެރޭގައި ބަދަލުވި ވެރިކަންތަކުގައި އުފައްދާފައިވާ ކުންފުނިތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން، ފެލިވަރު ފިޝަރީޒް މޯލްޑިވްސް، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް، ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް، ހިތަދޫ ޕޯޓް ލިމިޓެޑް، މަޑިވަރު ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ގަން އެއާޕޯޓް ކޮމްޕެނީ، ވޯކްސް ކޯޕަރޭޝަން، މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)، ހަޒާނާ މޯލްޑިވްސް އަދި ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ އެވެ.
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަކީ ދައުރުގެ މެދުތެރޭން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތު މީޑިޔާ ސަރުކާރުން ހިންގަން އުފެއްދި ކުންފުންޏެކެވެ. އަދި ފެލިވަރު ފިޝަރީޒް މޯލްޑިވްސް އާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއަކީ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ތެރޭން ނަޝީދު އުފެއްދެވި ކުންފުނިތަކެވެ. އަދި ކުޅުދުއްފުށި ޕޯޓް ލިމިޓެޑް އާއި ހިތަދޫ ޕޯޓް ލިމިޓެޑް އަކީ ވެސް ނަޝީދު އުފެއްދެވި ދެ ކުންފުންޏެވެ.
މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެވެ. އެކަމަކު ފަހުން ޔާމިންގެ ވެރިކަމުގައި ވެސް އެ ކުންފުނި އުވާލަން ނިންމި އެވެ. ނަމަވެސް އެ ކުންފުނިން ބައެއް ގިނަ މަސައްކަތްތައް ކޮށްފައިވެ އެވެ. އަދި ހަޒާނާ މޯލްޑިވްސް އާއި ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ ވެސް އުފެއްދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިމުގަ އެވެ.
ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނި އެބައޮތެވެ. ނަމަވެސް ރަނގަޅަށް ފަންކްޝަން ކުރަނީ މަދު ކުންފުންޏެކެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް