ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" ގެ އަންހެން ބައިގެ ފައިނަލަށް ޓީމުތައް ދަތުރުކޮށްފި އެވެ.
އެގޮތުން އެބައިގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އާއި އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސް އެވެ.
މި ފިއެސްޓާގައި ރޭ ކުޅުނީ ގްރޫޕު ސްޓޭޖުގެ އެންމެފަހު މެޗުތަކެވެ. އެގޮތުން އެޗް އެސް އާރުސީ ބްލޫ ފްލޭމްސް އާއި ޑޮޔެންސް ބައްދަލުކުރި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އެޗްއާރްސީ ބްލޫ ފްލޭމްސް އެވެ.
މި މެޗުގައި ބްލޫ ފްލޭމްސްގެ ލަނޑުތައް ޖަހައިދިނީ އާމިނަތު މައުރޫޝާ 2 ގޯލު އަދި ފާތިމަތު މާޒިނާ 1 ގޯލެވެ. ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ބްލޫ ފްލޭމްސް ގެ އާމިނަތު މައުރޫޝާ އެވެ.
މުބާރާތުގެ އެންމެފަހު މެޗުގައި ރޭ ވާދަކުރީ އެޗް އެސް އާރުސީ ބްލޫ ބަޓަރފްލައިސް އާއި އައްތަ ޓީމެވެ. މި މެޗު 3 ލަނޑު 0 ލަނޑު ކާމިޔާބު ކުރީ ބްލޫ ބަޓަރފްލައިސް އެވެ.
އެޗް އެސް އާރުސީ ބްލޫ ބަޓަރފްލައިސްގެ ގޯލުތައް ޖަހައިދިނީ ފާތިމަތު މާހާ 2 ގޯލް އަދި އައިޝަތު ރީޝާ 1 ގޯލެވެ. ޕްލެޔަރ އޮފް ދަ މެޗު ހޯދީ އެޗް އެސް އާރުސީ ބްލޫ ބަޓަރފްލައިސް ގެ ފާތިމަތު މާހާ އެވެ.
އެޗްއެސްއާރްސީ ބްލޫ ފްލޭމްސް ފައިނަލަށް ދިޔައީ ކުޅުނު 4 މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓު ހޯދައިގެން ނެވެ. އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސް ފައިނަލަށް ދިޔައީ 4 މެޗުން 2 މެޗު ކާމިޔާބުކޮށް، 1 މެޗުން ބަލިވެ، 1 މެޗުން އެއްވަރުވުމުން ލިބުނު 7 ޕޮއިންޓާއެކު އެވެ.
މި ބައިގާ ދެން ހިމެނޭ ޗަނބޭލީ ރަނިން އަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އެއީ 2 މެޗުން މޮޅުވެ، 2 މެޗުން ބަލިވެފައިވާތީ އެވެ. އަދި ޑޮޔެންސް އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. އެއީ އެއްމެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވުމުން ނެވެ.
މިބައިގާ ދެން ހިމެނޭ އައްތަ ޓީމަށް އެއްވެސް ޕޮއިންޓެއް ނުލިބި، މުބާރާތް ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.
މި ފިއެސްޓާގެ ފައިނަލު މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި އޯގަސްޓު މަހުގެ 27 ވާ ހުކުރު ދުވަހުގެ ރެއެވެ.
މި މެޗު ގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޔޫތް މިނިސްޓްރީ ހިންގެވުމާއިހާވަލުވެ ހުންނެވި، ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމެވެ.
މިއަހަރުގެ ފިއެސްޓާގެ މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީ އެވެ. ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.
މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ވަނީ ހަމަޖައްސާފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެފްބީ ޕޭޖުން ލައިވް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް