ދުނިޔޭގެ ބާރުތަކުން އަފްގާނުގައި ތިބުމުގެ މުއްދަތު އިތުރު ނުކޮށްދެވޭނެ ކަމަށް ތޯލިބާނުން އަނެއްކާވެސް ބުނެފި

އަފްޣާނިސްތާނުން މީހުން ހުސް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚު އިތުރަށް ފަސް ކޮށްދެވެން ނެތް ކަމަށް ޠާލިބާނުން ތަކުރާރުކޮށް ބުނެފިއެވެ. ޠާލިބާނުން މިހެން ބުނެފައި ވަނީ ދުނިޔޭގެ އިޤްތިޞާދީ ބާރުތައ...

25 Aug 2021 | 03:42

އަފްޣާނިސްތާނުން މީހުން ހުސް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚު އިތުރަށް ފަސް ކޮށްދެވެން ނެތް ކަމަށް ޠާލިބާނުން ތަކުރާރުކޮށް ބުނެފިއެވެ.

ޠާލިބާނުން މިހެން ބުނެފައި ވަނީ ދުނިޔޭގެ އިޤްތިޞާދީ ބާރުތައް ކަމަށްވާ ޖީ7 ގެ ޤައުމުތަކުން އަފްޣާނިސްތާނުން މީހުން ހުސްކުރުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ ގޮތުން ކުއްލި ބައްދަލުވުންތަކެއް ބާއްވަމުން ދާ ދަނޑިވަޅެއް ގައެވެ.

ޠާލިބާނުން އިއްޔެ ބުނެފައި ވަނީ ބޭރުގެ ހުރިހާ ޤައުމަކުންވެސް ކުރިން ދީފައިވާ މުއްދަތުގެ ތެރޭގައި އެ ޤައުމުތަކުގެ ރައްޔިތުން އަފްޣާނިސްތާނުން ބާލާ ހުސްކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން މީހުން ހުސް ކުރުމަށް ދީފައިވާ އެންމެ ފަހުގެ ތާޜީޚަކީ މި މަހުގެ 31 ވަނަ ދުވަހެވެ.

ނަމަވެސް ހުޅަނގުގެ ޤައުމުތަކުން މި ތާރީޚު ފަސް ކޮށްދޭން ޠާލިބާނަށް މަޖުބޫރު ކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ. ސަބަބަކީ މި ތާރީޚާއި ހަމައަށް މީހުން ބާލާ ހުސް ކުރެވޭނެ ކަމަށް ނުބެލެވޭތީ ކަމަށްވެސް ހުޅަނގުގެ ޤައުމުތަކާއި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ބައެއް ޑިޕްލޮމެޓުން ވަނީ ވިދާޅުވެފައެވެ.

ފާއިތުވެ ދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މީހުން ހުސް ކުރުމަށްޓަކައި އެމެރިކާގެ ފައުޖުތައް އޯގަސްޓު މަހުގެ 31 ވަނަ ދުވަސް ފާއިތުވާ ފަހުންވެސް ތިބެން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ. މި ކަމުގައި ކަން ކުރައްވާނީ ޕެންޓެގަންގެ ލަފާއާއި އެއްގޮތަށް ކަމަށާއި، ޠާލިބާނުން އެމެރިކާގެ ފައުޖުތަކަށް މުއްދަތު އިތުރު ކުރުމަށް ޖާގަ ދޭތޯ ބައިޑެން ބައްލަވާނެ ކަމަށް އެމެރިކާގެ އިސް 3 އޮފިޝަލަކުވެސް ވަނީ ވިދާޅުވެފައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތު ކުރައްވާ އެމެރިކާގެ 2 އޮފިޝަލުން ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ކާބުލްގެ އެއަރޕޯޓަށް އަމާޒުކޮށް ޖާނުން ފިދާވެ ބޮމުގެ ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އިތުރު ވެފައި ވާ ކަމަށެވެ. މީގެ ތެރެއިން 1 އޮފިޝަލެއް ވިދާޅުވާ ގޮތުގައި މިހާރު މިކަން ވަނީ ޔަޤީންވެފައެވެ.

އަދި މިހާރު އުފެދިފައިވާ ހަމަ އެކަނި ސުވާލަކީ ހަމަލާ ދޭނެ ވަގުތަކާއި މެދުގައެވެ.މިފަދަ ހާދިސާއެއް ހިނގުމުގެ ކުރިން އެމެރިކާގެ ރައްޔިތުން އަފްޣާނިސްތާނުން ބޭލުމަކީ މިވަގުތު އެ ޤައުމުގެ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަން ކަމުގައިވެސް އެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޠާލިބާނުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވަނީ އެހެން ޤައުމުތަކުގެ މީހުން ހުސް ކުރުމަށް ޠާލިބާނުން އޯގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް ކަނޑައަޅާފައިވާ ތާޜީޚަށް ބަދަލެއް ނުގެންނަ ކަމުގެ ޔަޤީންކަން ދީފައެވެ. އަދި އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް ހިތްވަރު ނުދިނުމަށް ވެސް ޒަބީޙުﷲ ވަނީ އެމެރިކާއަށް ގޮވާލާފައެވެ.

މީގެ އިތުރުން، އެއަރޕޯޓުގައި ތިބި އަފްޣާން ރައްޔިތުން އެނބުރި ގެއަށް ދިއުމަށާއި، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަންވެސް ޠާލިބާނުން ވަނީ ދީފައެވެ.

ޖީ7ގެ ޤައުމުތަކުން ވަނީ އަފްޣާނިސްތާނު މައްސަލަ ހައްލު ކުރުމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ނިންމާފައެވެ. އިއްޔެ ބޭއްވި ޖީ7ގެ ކުއްލި ބައްދަލުވުމުގައި ޤައުމުގެ ލީޑަރުން ވަނީ އަފްޣާނިސްތާނަށް ބޭނުންވާ އިންސާނީ އެހީ ފޯރު ކޮށްދިނުމުގައި އދ އާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައެވެ

.އަދި އަފްޣާންގެ މައްސަލައާއި ގުޅިގެން އުފެދޭ ރެފިއުޖީންގެ އަދަދު ގިނަވާނެ ކަމަށް ބަލާ، އެކަމަށްވެސް ޖީ7ގެ ޤައުމުތަކުން ތައްޔާރަށް އޮތް ކަމަށް އެ ޤައުމުތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި ބައްދަލުވުމުގައި އަފްޣާނިސްތާނުން މީހުން ބޭލުމަށް އައު ތާޜީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

ޤައުމުތަކުގެ ވެރިން އެއްބަސްވެ ވަޑައިގަތީ މުއްދަތު އިތުރު ކޮށްދިނުމަށް ޠާލިބާނަށް އިތުރަށް ބާރު އެޅުމަށް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޯޑޯ ވަނީ ވިދާޅުވެފައެވެ. ޖީ 7 ގެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭ އިޤްތިޞާދީ ބާރުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް،ފަރަންސޭސިވިލާތް، އިޓަލީވިލާތް އަދި ކެނެޑާއެވެ.

ޠާލިބާނުން އަފްޣާނިސްތާނު ހިފާ ކާމިޔަބީ އިއުލާން ކުރުމާއި އެކު ކާބުލް އެއަަރޕޯޓު ވަނީ ފުރިގެން ތޮއް ޖެހިފައެވެ.މީގެ ތެރޭގައި އެހެން ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކާއި އާންމު ރައްޔިތުން ހިމެނޭ އިރު، އަފްޣާނިސްތާނުގެ ގިނަ އާންމު ރައްޔިތުންވެސް ހިމެނެއެވެ. އަފްޣާނިސްތާނު ދޫކޮށް ދިއުމަށް އެއަރޕޯޓަށް ޖަމާވެފައި ވަނީ ޠާލިބާނުގެ ވެރިކަމާއި ދޭތެރޭ ބިރުގަނެފައިވާ އަފްޣާން ރައްޔިތުންނެވެ.

އެ މީހުން ޤަބޫލު ކުރާ ގޮތުގައި ކުރީ ފަހަރެކޭ އެއްފަދައިން މި ފަހަރުވެސް ޠާލިބާނުގެ ވެރިކަމުގައި ފެނިގެން ދާނީ އަނިޔާވެރި ކަމާއި، ހައްޤުތައް ހަނިކޮށްފައިވާ މަންޒަރެވެ. އެއަރޕޯޓަށް ގިނަ ބަޔަކު މި ގޮތަށް ޖަމާ ވުމުގެ ސަބަބުން ހިނގި ހާދިސާތަކެއްގައި ބައެއް މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް