ފިރިކަލުން ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވަން ދޫކޮށްލެއްވުމަކީ ޤައުމު ފޭލު ކޮށްލުން ކަމަށް ބުނުމުން ފޮކްސް ނިއުސްއާއި ހުށަހެޅުންތެރިޔާ ރޭޗެލް ޑަފީ މައާފަށް އެދުމަށް އެމެރިކާގެ ފަސްޓްލޭޑީގެ ސެކްރެޓަރީ ގޮވާލައްްވައިފިއެވެ.
ހަފްތާ ބަންދުތެރޭގައި ހުށަހަޅަމުން ގެންދިޔަ ފޮކްސް ނިއުސްގެ ޕްރޮގްރާމެއްގެ ތެރެއިން ރޭޗެލް ޑަފީ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ދޫ ކުރެެއްވުމަކީ ޖިލް ބައިޑެން ޤައުމު ފޭލު ކޮށްލުން ކަމުގައި ސިފަ ކޮށްފައެވެ. މީގެ އިތުރުން ރޭޗެލް ވަނީ އަފްޣާނިސްތާނުން އެމެރިކާގެ ފައުޖުތައް ބޭލުމާއި އެ ޤައުމުން މީހުން ކާމިޔާބު ކަމާއި އެކު ސަލާމަތް ކުރުމުގައި ބައިޑެންގެ ސަރުކާރުން ނުކުޅެދިފައި ވާތީ ބައިޑެންގެ ނަފްސާނީ ސިއްޙަތާއި މެދުވެސް ސުވާލު އުފައްދާފައެވެ.
ޤައުމު ދެކެ އަދި ފިރިކަލުން ދެކެ ލޯބިވެ ވަޑައިގަންނަވާ ނަމަ މިފަދަ ނަފްސާނީ ބަލިމަޑުކަމެއްގައި ވަނިކޮށް ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވަން ފިރިކަލުންނަށް މަނާ ކުރެއްވީސް ކަމަށްވެސް ރޭޗެލް ވަނީ ބުނެފައެވެ.
މި ކޮމެންޓުތަކާއި ގުޅިގެން ޖިލް ބައިޑެންގެ ސެކްރެޓަރީ މައިކަލް ލާރޯޒާ ވިދާޅުވެފައި ވަނީ ރޭޗެލްއާއި ފޮކްސް ނިއުސްއަށް ބެލުންތެރިންނަށްޓަކައި މިއަށް ވުރެ ރަނގަޅަށް ރިޕޯޓު ކުރެވެން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މި ކޮމެންޓުތަކަށް މައާފަށް އެދުމަށް ޗެނެލްގެ ފަރާތުންނާއި ހުށަހެޅުންތެރިޔާއަށް ވެސް މައިކަލް ވަނީ ގޮވާލައްވާފައެވެ. އަދި މި ފަދަ ތާކުން ތާކުން ނުޖެހޭ ވާހަކަތައް ދޫކޮށް ލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ރޭޗެލް ޑަފީ ފޮކްސް ނިއުސް އާއި ގުޅިފައި ވަނީ މިދިޔަ ޖޫން މަހު އެ ޗެނަލްގެ 'ފޮކްސް އެންޑް ފްރެއިންޑްސް ވީކެންޑް'ގެ ކޯ ހޯސްޓެެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ކުރީގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ މެންބަރެއް ކަމަށްވާ ޝޯން ޑަފީގެ އަނބިކަނބަލުންނެވެ.
ޖޯ ބައިޑެންގެ ސަރުކާރުން އަފްޣާނިސްތާނުގެ މައްސަލައިގައި ކަން ކުރަމުން ގެންދާ ދޯދިޔާ ގޮތާއި މެދު މިވަގުތު ގިނަ ބަޔަކު އަންނަނީ ބައިޑެންގެ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ކަނާތު ފިޔައިގެ ގިނަ ސިޔާސީ ވެރިން ގެންދަވަނީ ބައިޑެންއަށް ރައީސްކަން ކުރެއްވި ދާނެ ކަމުގެ ސުވާލުވެސް އުފައްދަވަމުންނެވެ.
ނަމަވެސް މި ފަދަ ބަހުސެއްގެ ތެރެއަށް ޖިލް ބައިޑެން ނެރި، އެކަމަނާއާއި މެދު ކުރި ކޮމެންޓުތައް ގިނަ ބަޔަކު ބަލައެއް ނުގަނެއެވެ. އަދި މި ކަމުގެ ސަބަބުން ފޮކްސް ނިއުސް ގެ އިތުރުން ރޭޗެލްވެސް ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް