އިޒްރޭލަށް ޖާސޫސުކޮށްދިން ފަލަސްތީނު ރައްޔިތަކަށް މަރުގެ ހުކުމް އިއްވައިފި

އިޒްރޭލަށް ޖާސޫސުކޮށްދިން ފަލަސްތީނު ރައްޔިތަކަށް ހަމާސް ޖަމާއަތުގެ މިލިޓަރީ ކޯޓަކުން އިއްޔެ މަރުގެ ހުކުމް އިއްވައިފި އެވެ. މަރުގެ ހުކުމް އިއްވާފައިވާ ފަރާތުގެ މާ ބޮޑު މައުލޫމާތެއް ހަމާސް އިން ހާމަކޮށ...

25 Aug 2015 | 03:04

އިޒްރޭލަށް ޖާސޫސުކޮށްދިން ފަލަސްތީނު ރައްޔިތަކަށް ހަމާސް ޖަމާއަތުގެ މިލިޓަރީ ކޯޓަކުން އިއްޔެ މަރުގެ ހުކުމް އިއްވައިފި އެވެ.

މަރުގެ ހުކުމް އިއްވާފައިވާ ފަރާތުގެ މާ ބޮޑު މައުލޫމާތެއް ހަމާސް އިން ހާމަކޮށްފައެއް ނުވެ އެވެ. ހާމަކޮށްފައިވަނީ އެމީހާގެ ނަމުގެ ދެ އަކުރެކެވެ. އަދި އެއީ 28 އަހަރުގެ މީހެއް ކަމެވެ. ހަމާސް އިން ބުނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ އިޒްރޭލަށް ޖާސޫސްކޮށްދީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ރައްޔިތަކު މަރުވެފައި ވާތީ ކަމަށެވެ.

ފަލަސްތީނުގެ ސެންޓާ ފޯ ހިއުމަން ރައިޓސް އިން ހާމަކުރާ ގޮތުގައި 1994 އިން ފެށިގެން މިހާތަނަށް ހަމާސްއިން ވަނީ 157 މީހަކަށް މަރުގެ ހުކުމް އިއްވާފަ އެވެ. އަދި އޭގެ ތެރެއިން 32 މީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒްކޮށްފައި ވެ އެވެ.

ފަލަސްތީނުގެ ގާނޫނު އަސާސީ ބުނާގޮތުން މީހަކު މަރަން ހުކުމް ކުރިޔަސް އެމީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒް ކުރެވެނީ އެގައުމުގެ ރައީސްގެ ހުއްދައާއި އެކުގައެވެ. ނަމަވެސް އެގައުމުގެ މިހާރުގެ ރައީސް މަހްމޫދު އައްބާސަކީ ކަންކަން ނިންމޭވަރުގެ މީހެއް ކަމަށް ހަމާސް ޖަމާއަތުން ގަބޫލެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް