ދިވެހިރާއްޖޭގެ 20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް (ޕީސީއެމްއެސް) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
އެކަމާއި ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއީ ހަކަތައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ތާރިޤް އިބްރާހިމެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ، އެ ބީލަން ކާމިޔާބުކުރި ޗައިނާގެ ކޮންޓުރެކްޓަރެއް ކަމުގައިވާ ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ގޫ ޖެންޕުންގ އެވެ.
މިއަދު ސޮއިކުރެވުނު 1،166،582 އެމެރިކާ ޑޮލަރުގެ މަޝްރޫޢުގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ 20 ރަށެއްގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމުތައް ހޯދާ އެ ތަންތަނުގައި އިންސްޓޯލުކުރުމެވެ. މީގެ ސަބަބުން އެ ރަށްރަށުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރަމަށް މަގުފަހިވެގެންދާނެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް – އޭޑީބީގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއީ ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓްއިން ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމްތައް ޤާއިމުކުރުމަށް ކަނޑައަޅާފައިވާ 20 ރަށަކީ:
- ހއ. ތުރާކުނު
- ހއ. އުލިގަމް
- ހއ. މޮޅަދޫ
- ހއ. ހޯރަފުށި
- ހއ. އިހަވަންދޫ
- ހއ. ކެލާ
- ހއ. ވަށަފަރު
- ހއ. ދިއްދޫ
- ހއ. ފިއްލަދޫ
- ހއ. މާރަންދޫ
- ހއ. ތުރާކުނު
- ހއ. އުތީމު
- ހއ. މުރައިދޫ
- ހއ. ބާރަށް
- ޅ. އޮޅުވެލިފުށި
- ޅ. ކުރެންދޫ
- ގއ. ވިލިނގިލި
- ށ. ބިލަތްފަހި
- ހދ. ފިނޭ
- ހދ. ކުމުންދޫ އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 20 ރަށުގައި ޤާއިމުކުރާ ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމްތައް ފެނަކައިގެ އިންޖީނުގެތަކުގައި އިންސްޓޯލްކޮށް މި ސިސްޓަމްތަކުގެ އޮޕަރޭޝަން އަދި މެއިންޓެނެންސް 2 އަހަރުދުވަހަށް ބަލަހައްޓާނީ ކޮންޓްރެކްޓެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އޭގެއިތުރުން މި ސިސްޓަމްތަކަށް ފެނަކައިގެ މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި އެކުންފުނީގެ މުވައްޒަފުންނަށް ތަމްރީނު ދިނުންވެސް އެ އެއްބަސްވުމުގައި އެކުލެވިފައި ވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ރަށްރަށުގައި ޤާއިމުކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ނިޒާމުތައް ޒަމާނީކޮށް އެނާރޖީ މެނޭޖްމަންޓު ސިސްޓަމު މެދުވެރިކޮށް ކޮންޓްރޯލު ކުރެވޭނެ ގޮތަށް ސަރުކާރުން ދަނީ ބަދަލުކުރަމުންނެވެ.
ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށްޓަކައި އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭކަމެއް ދޭ ކަމެއް ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.
މިގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަކީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނީ ، މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވިފައި ވާކަމަށެވެ. އެއީ ޤައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައިގެ ކަރަންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް