ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރު ކުރާ މީހުން އަތުން ޓޯލް ފީއެއް ނެގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަން ސަރުކާރުން އިއުލާން ކޮށްފައިވަނީ ރޭ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް "މާލެ ފެހި ޕްރޮގްރާމް" ލޯންޗުކުރަމުންނެވެ.
ރޭ "މާލެ ފެހި ޕްރޮގުރާމް" ލޯންޗުކުރުމުގެ ގޮތުން ދައްކާލި ޕްރެޒެންޓޭޝަންގެ ތެރެއިން ވަނީ ހައިވޭ އަދި ބްރިޖް ބޭނުން ކުރާ މީހުން އަތުން ފީ ނެގުމާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކުގެ ލަފަޔާ މަޝްވަރާ ހޯދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން އޮގަސްޓު މަހު ތެރޭގައި ދިރާސާތައް ފަށާނެ ކަމަށެވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ޓޯލް ފީއެއް ނެގުމުގެ ވިސްނުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުންވެސް ގެންގުޅުނެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން އެކަން ތަންފީޒު ކުރުމާއި ވަނީ ދެކޮޅު ހަދާފައެވެ.
ރިޔާސީ އިންތިހާބު ކުރިއަށް ދިޔަ ދަނޑިވަޅުގައި އެމްޑީޕީން، މި ސަރުކާރުން ބްރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގާނެ ކަމަށް ކުރި ތުހުމަތު އޭރު ޕީޕީއެމް ޕީއެންސީން ވަނީ ދޮގު ކޮށްފައެވެ.
މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ފީ ނެގުމާ ގުޅޭގޮތުން ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފަޔާ މަޝްވަރާ ހޯދާނެ ކަމަށް ރޭ މާލެ ފަހި ޕްރޮގްރާމް ލޯންޗު ކުރުމަށް ހުށަހެޅި ޕްރެޒެންޓޭޝަން ގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް