ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިފްތިތާޙުކޮށްފި

ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ...

25 Jul 2024 | 06:14

ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތަކެއް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކެއްވެސް ވަނީ ބަހައްޓާފައެވެ.

މި އިތުރުކުރެވުނު ކެޕޭސިޓީއާއެކު، ރާއްޖޭގައި މިހާރު ޖުމްލަ 67.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރެވިފައިވާކަމަށާއި މި މަޝްރޫޢުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށާއި އަދި މީގެ ސަބަބުން އަހަރަކު 3,300 ޓަނުގެ ކާބަން ޑައިއޮކްސައިޑް ތިމާވެއްޓަށް ބޭރުވުން ކުޑަކުރެވޭނެ ކަމަށްވެސް ބެލެވޭކަމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ސަބަބުން ތ. އަތޮޅުގެ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި 12 ރަށަކީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) މަޝްރޫޢުގެ ދަށުން މަސައްކަތް ކުރެވުނު ރަށްތަކެކެވެ.

ޕޮއިސްޑް މަޝްރޫޢުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި ޑީސަލް އިންޖީނުގެތައް ބެޓަރީ ސްޓޯރޭޖް ހިމެނޭ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކަށް ގެންދަނީ ބަދަލުކުރަމުންނެވެ. މިހާތަނަށް މި މަޝްރޫޢުގެ ދަށުން 72 ރަށެއްގައި މަސައްކަތް ނިމި، ޖުމްލަ 13.4 މެގަވޮޓްގެ ސޯލާ ޕީވީ އާއި ގަޑިއަކު 9.8 މެގަވޮޓް ބެޓަރީ ސްޓޯރޭޖް ގާއިމުކުރެވިގެންދާނެއެވެ.

މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު ކަމަށް ފާހަގަކޮށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން މި މަޝްރޫޢުތަކަށް ދެމުންގެންދާ އެހީތެރިކަމަށް ސަރުކާރުން ޝުކުރު އަދާކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުވެ، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ގަބޫލުކުރެއެވެ.

މި މަޝްރޫޢުގެ އިތުރުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު، ދިވެހިރާއްޖެއިން ވަނީ 2023 ވަނަ އަހަރު އައު މަޝްރޫޢެއް ފަށާފައެވެ. އެއީ "އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުވަބަލް އެނަރޖީ" (އެޝުއަރ) ޕްރޮޖެކްޓެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައަށް އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުން ކަމަށާއި މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 20 ރަށެއްގައި 20 މެގަވޮޓުގެ ސޯލާ ޕީވީ އާއި ގަޑިއަކު 40 މެގަވޮޓު ބެޓެރީ އެނަރޖީ ސްޓޯރޭޖް ޤާއިމުކުރެވޭނެ ކަމަށާއި މީގެ އިތުރުން، ވައިން އަދި ކަނޑުގެ ހަކަތައިން ހިންގާ ނިޒާމުތައްވެސް ޕައިލެޓް ކުރެވި، ދިވެހިރާއްޖޭގައި މި ޓެކްނޮލޮޖީތައް ބޭނުންކުރެވިދާނެ މިންވަރު ވަޒަންކުރެވޭނެކަމުގައި އެ ވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށާއި އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ގަބޫލުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް