ސަމާގެ ހިތުން ހިތަށް ފަންޑްރެއިޒް: އެއް ގަޑިއިރުން ނޫހް ބޭބީއަށް އެއް ލައްކައަށްވުރެ ގިނަ ރުފިޔާ

ޓިކްޓޮކްގައި ސަމާ ކުރިއަށްގެންދާ ހިތުން ހިތަށް ފަންޑްރެއިޒްގެ މިރޭގެ ހަރަކާތުގައި އެއްމެ ގަޑިއިރެއްގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ ރުފިޔާއާއި ފަސް ސަތޭކައަށްވުރެ ގިނަ ޑޮލަރު ރެއިޒްކޮށްދީފިއެވެ. ތިން...

24 Jul 2024 | 19:44

ޓިކްޓޮކްގައި ސަމާ ކުރިއަށްގެންދާ ހިތުން ހިތަށް ފަންޑްރެއިޒްގެ މިރޭގެ ހަރަކާތުގައި އެއްމެ ގަޑިއިރެއްގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ ރުފިޔާއާއި ފަސް ސަތޭކައަށްވުރެ ގިނަ ޑޮލަރު ރެއިޒްކޮށްދީފިއެވެ.

ތިން ހާހަށްވުރެ ގިނަ ވިއުވާސް އާއެކު ކުރިއަށްދިޔަ ފަންޑްރައިޒް އިވެންޓް ކުރިއަށްގެންދިޔައީ މިރޭ 11:15 އިން 12:15 އަށެވެ. އެ ގަޑިއިރުގެ ތެރޭގައި 107،879.51 ރުފިޔާ އަދި 568.19 ޑޮލަރު ހޯދާފައިވެއެވެ. އިވެންޓުގެ އެންމެ ފުރަތަމަ 10 މިނެޓުގެ ތެރޭގައިވެސް ބައި ލައްކައެއްހާ ރުފިޔާ ލިބިގެންދިޔައެވެ.

ހިތުން ހިތަށް މިރޭގެ އިވެންޓުވެސް ސަމާ ކުރިއަށްގެންދިޔައީ ކުއްޖާގެ މަންމަވެސް ކައިރީގައި ބައިންދައިގެން އަދި ކުއްޖާގެ މަންމަގެ އެކައުންޓަށް ފައިސާ ލިބޭނެހެން ވަގުތުން ބެލުންތެރިންނަށްވެސް ފެންނާނޭ ފަދަ ގޮތަކަށް ދެފުށް ފެންނަ ފަދަ ގޮތަކަށެވެ.

މިހާރު އުމުރުން ދެ އަހަރުގެ ނޫހް އަދްޔާން ޝުއައިބުގެ ސިއްހީ ބޮޑު މައްސަލައެއް ހުރިކަން އާއިލާއަށް އެނގުނީ ވިހައިގެން ގެއަށް ދޫކޮށްލިފަހުން ކުއްޖާގެ ގައިން ރީނދޫކަން ނުފިލުމުންނެވެ .

2022 ގެ އޭޕްރީލްގައި އިންޑިއާއިން ހެދި އޮޕަރޭޝަނެއްގެ ތެރެއިން އެނގިގެންދިޔައީ ނޫހްގެ ލިވާގެ ޓިޝޫ ހަލާކުވެ، ލިވާވެސް ބޮޑުވެފައިވާކަމެވެ.

އެއަށްފަހު 2022 ނޮވެމްބަރުގައި ލިވަރ ޓްރާންސްޕްލާންޓް ހެދިއެވެ. ލިވާ ހަދިޔާކުރީ ނޫހްގެ މަންމަ ފާތިމަތު ރަހުމާއެވެ.

އެ އޮޕަރޭޝަނަށްފަހު ނޫހްގެ މޭ ހެދި ގްރޯވުމަށް ފުރުސަތު ދިނުމުގެ ގޮތުން މަތިން ފަހާލާފައި ފޮނުވާލީ ފަހުން އިތުރު ސާޖަރީއެއް ކުރާ ގޮތަށެވެ. މިއަދު ނޫހް އާއި އޭނާގެ މަންމަ އެ ފުރަނީ އެ ސާޖަރީއަށެވެ. ސަމާގެ ހިތުން ހިތަށް ފަންޑްރައިޒް އިވެންޓްގައި އެހީތެރިކަން އެ ހޯދައިދިނީ އެ ދަތުރަށެވެ.

ދުވަސް ނޫހުން އެދެނީ ނޫހް އަދްޔާން ޝުއައިބުގެ މި ސާޖަރީވެސް ކާމިޔާބުވެ ނޫހަށް އުފާވެރި މުސްތަގްބަލެއް ލިބިގެންދިޔުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް