ކުޑަގިރި މި މަހު ހުޅުވުންވެސް ކެންސަލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް މި ޖުލައި މަހުގެ 26 ގައި ހުޅުވަން މަސައްކަތްކުރި ޕިކްނިކް އައިލެންޑް، ކުޑަގިރި މިމަހު ހުޅުވުން ކެންސަލް ކޮށ...

25 Jul 2022 | 12:34

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް މި ޖުލައި މަހުގެ 26 ގައި ހުޅުވަން މަސައްކަތްކުރި ޕިކްނިކް އައިލެންޑް، ކުޑަގިރި މިމަހު ހުޅުވުން ކެންސަލް ކޮށްފިއެވެ.

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ތަރައްގީކުރާ ކުޑަގިރި ރަސްމީކޮށް ހުޅުވުން ކުރިން މާދަމާ އަށް ތާވަލު ކޮށްފައިވީނަމަވެސް މުއްދަތެއް ނެތްގޮތަށް އެކަން ވަނީ ކެންސަލްކޮށްފައެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ ދަތުރު ދިއުމަށް ކުޑަގިރި ހުޅުވާނީ ބާކީ ހުރި ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށާއި އެއީ އެރަށަށް ދަތުރުދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

މިއަހަރުގެ މިނިވަން ދުވަހު ކުޑަގިރި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ރަށުގައި ގަސް އިންދާ ރަށް ފެހިކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ގެންދަވަނީ ވަރަށް ގާތުން ބައްލައްވަމުންނެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ހިމެނޭ ރައީސް ސާޅިހުގެ ވަޢުދުފުޅެކެވެ.

އެކަން ފުރިހަމަކުރުމަށް ކުޑަގިރި ފަޅުން 8 ހެކްޓަރުގެ ބިން ހިއްކައިގެން ދަތުރު ދާނެ ރަށެއް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 41 މިލިއަން ރުފިޔާއަށެވެ. ކުޑަގިރިއަކީ މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރުގެ ދުރުގައި އޮންނަ ތަނެކެވެ.

މާލެއަތޮޅު ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ސްޓެލްކޯ އިން ވެސް މީގެކުރިން ވަނީ ބުނެފައެވެ. އެގޮތުން ކުޑަގިރި ދިއްލާ، ލައިޓިންގ ވެސް ޓެސްޓުކޮށްފައިވާ ކަމަށާއި ކުޑަގިރީގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަރަންޓުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ގާރޑެން ލައިޓްތަކެއް އެ ކުންފުނިން ހަރުކޮށް ދިއްލާލާފައިވާ ކަމަށާއި ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް ވެސް މިހާރު ހަދާނިމިފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ޚިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް