ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ރޭޑިއޯގްރަފީ ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށް ނިންމާ، އެކަމުގެ ފަހުމުނާމާ ގައި ސޮއި ކޮށްފިއެވެ.
މި ފަހުމުނާމާ ގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލެވެ.
މި ފަހުމުނާމާގެ މަގުސަދަކީ ކޯހުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތު ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށާއި މިފަދަ ފުރުސަތުތަކުގެ ސަބަބުން މި ދާއިރާއަށް ކުރިމަތިލާ ދިވެހީންގެ އަދަދު އިތުރުވާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސް.ޓީ.އޯއާއި ޖީ.އީ ހެލްތް ކެއަރއާއި ގުޅިގެން "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ކޯސް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި ކޯހުގައި ދެ އަހަރު ދުވަހުގެ ކިޔެވުމާއިއެކު 6 މަސް ދުވަހުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ.
ހެލްތު މިނިސްޓްރީއާއި، އެމް.އެން.ޔޫ އަދި އެސް.ޓީ.އޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިއޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމެވެ.
ޖީއީ ހެލްތް ކެއަރގެ ކަރިކިއުލަމްއަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގައި މި ކޯސް ކުރިއަށް ގެންދާއިރު، ކޯސް ފުރިހަމަކުރާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ހިންގާ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އަދި މި ކޯސް ކުރިއަށްދާނީ ކްލާސްރޫމް ގަޑިތަކާއި ލެބް ޓްރެއިނިންގ ތައްވެސް ހިމަނައިގެންނެވެ.
މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބަލާއިރު، މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުގައި ވެސް ރޭޑިއޯގްރާފަރުންގެ ގޮތުގައި ނިސްބަތުން ގިނައިން މަސައްކަތް ކުރަނީ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް