މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ދިވެހި ގައުމާ މުޚާތަބު ކުރައްވަނީ

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޚާޠަބުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ...

25 Jul 2022 | 10:33

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޚާޠަބުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ޖަހާއިރުއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މިއަހަރުގެ މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ކެންސަލްކޮށްފައިވީނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00 ގައި ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނައެވެ.

ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައި ކަމަށެވެ.

މީގެ އިތުރުން މިނިވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިލިޓަރީ ޕެރޭޑާއި ޕްރޮސެޝަން މާދަމާ ހަވީރު ބާއްވާއިރު، މިލިޓަރީ ޕެރޭޑާއި ޕްރޮސެޝަން ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

މާދަމާ ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުން ފަށާ މި ޕެރޭޑްގައި 4 ތަނެއްގައި ސިފައިންގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

މި ޕެރޭޑު ކުރިއަށްދާނީ އަމީރުއަޙްމަދު މަގުން އިރަށްގޮސް ސޯސަންމަގަށް އަޅައިގެން ދެކުނަށްގޮސް، މަޖީދީމަގުން ހުޅަނގަށްގޮސް ރަސްފަންނު ކައިރިން ބޮޑުތަކުރުފާނު މަގުންގޮސް ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށެވެ.

މިއަހަރުގެ މިނިވަން ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މިނިވަންދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރު ވަނީ ކެންސަލްކޮށްފައެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް