"މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވަރލްޑް ޓުއަރގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

"މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވަރލްޑް ޓުއަރގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއެކޮށްފިއެވެ. މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަރނޭޝަނަލް ބޮޑީބޯޑިންގ ކޯޕަރޭޝަން (އައިބީސީ) ގުޅ...

25 Jul 2022 | 10:18

"މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވަރލްޑް ޓުއަރގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއެކޮށްފިއެވެ.

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަރނޭޝަނަލް ބޮޑީބޯޑިންގ ކޯޕަރޭޝަން (އައިބީސީ) ގުޅިގެން ބާއްވާ މި މުބާރާތުގައި ދިވެހިރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ 11 ޤައުމެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕްރޯ 2022" އަކީ އައިބީސީ ވަރލްޑް ޓުއަރއިން އޭޝިއާގައި މިހާތަނަށް ބާއްވާ ފުރަތަމަ އިވެންޓެވެ.

އައިބީސީ ވަރލްޑް ޓުއަރއަކީ ދުނިޔޭގެ ބޮޑީބޯރޑިންގ ޗެމްޕިއަންކަން ހޯދުމަށް އެ ކުޅިވަރެއްގެ އެންމެ މޮޅެތި އެތުލީޓުންނަށް އެ ގައުމެއްގެ ޑިވިޝަންތަކުގައި ޕޮއިންޓް އެއްކުރެވޭނެ ގޮތަށް އެކި ގައުމުތަކުގައި ބާއްވާ ޓުއަރ އިވެންޓެކެވެ.

މިއަހަރުގެ އައިބީސީ ވަރލްޑް ޓުއަރ ގައި 6 ޑިވިޝަނެއްގެ ޗެމްޕިއަނުންނުން ހޮވާނެއެވެ.

ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވީ "މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވަރލްޑް ޓުއަރގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، މި ތާރީޚީ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބޮޑީބޯޑިންގ ދަނީ ރާއްޖޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން ކަމަށެވެ.

"މި އިވެންޓް އާންމުންނާއި ހަމައަށް ގެނެސްދިނުމުގައި އެމްބީބީއޭ އާއި އައިބީސީ އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް،" އަލީ ރިޔާޒު ވިދާޅުވިއެވެ.

އެމްބީބީއޭގެ ރައީސް އަބްދުالله އަރީފް ވިދާޅުވީ ރާއްޖޭގައި ބޮޑީބޯރޑިންގ ކުރިއެރުވުމަށް ދިރާގުން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަޤުވާމީ ބޮޑީބޯޑަރުންގެ ފަރާތުން އައު ތަޖުރިބާތަކާއި ހުނަރުތަކެއް ދަސްވެގެން ދާނެކަން ޔަޤީން ކަމަށެވެ.

"މި މުބާރާތުގެ ސަބަބުން މި ކުޅިވަރު ރާއްޖޭގައި އިތުރަށް ފުޅާވެ ބޮޑީބޯރޑިންގެ އައު މަންޒިލެއްގެ ގޮތުގައި ރާއްޖެ އެނގިގެންދާނެ." އަރީފް ވިދާޅުވިއެވެ.

މުބާރާތުގެ ރާއްޖޭގައި އޮންނަ ބައި ކުރިއަށްދާނީ 29 ޖުލައި އިން 7 އޯގަސްޓް 2022 ގެ ނިޔަލަށް "ވަރުނުލާ ރާޅުގަނޑު" ސަރަހައްދުގައެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދު ވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް