ބޮޑު އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް: އެންޑީއެމްއޭ

މި މަހުގެ ކުރީކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އ...

25 Jul 2022 | 05:58

މި މަހުގެ ކުރީކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިހެން ބުނެފައިވަނީ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި އެރި އުދައިގެ ސަަބަބުން ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ އާދަހަމަައިގައެވެ.

އެގޮތުން އެންޑީއެމްއޭއިން ބުނެފައިވަނީ މި ހާދިސާގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަކުރެވެނީ ދަނޑުވެރިންނަށް ކަމަށާއި މިގޮތުން މިހާތަނަށް އެ އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ ތެރެއިން، 4 ރަށަކުން، 110 ގޭ ބިސީއަކުން ބަލަހައްޓާ ދަނޑު ބިންތަކަށް ގެއްލުން ލިބިފައިވާކަމަށް އެސެސްމަންޓް ފޯމުތަކުން ދައްކާ ކަމަށެވެ. މިއީ ޖުމްލަ ލިބުނު އެސެސްމެންޓް ފޯމުތަކުގެ 46% ކަމުގައިވެސް ބުނެފައިވެއެވެ.

" މިހާތަނަށް މި އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ގޯތިގެދޮރާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާފަދަ ގެއްލުންތަކެއް، 9 ރަށެއްގެ 96 ގެއަކަށް ލިބިފައިވާ ކަމަށް ދައްކާ. މިއީ ޖުމްލަ ލިބުނު އެސެސްމެންޓް ފޯމުތަކުގެ %40" އެންޑީއެމްއޭގެ އަދާހަމައިގާ ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުގައި ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އާމްދަނީ ހޯދުމަށް ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބު ގަސް މަރުވެގެން ރިޕޯޓްކޮށްފައިވެއެވެ. ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ފޯމު ފޮނުވާފައިވަނީ ގދ.މަޑަވެލި، ގދ.ހޯނޑެއްދޫ، ގދ.ފިޔޯރި އަދި ތ.ތިމަރަފުށިން ކަމުގައި އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން %14 ފޯމުގައި ފާހަގަކޮށްފައިވަނީ ވިޔަފާރިއާއި ސަރުކާރު ޢިމާރާތްތަކާއި އިޖްތިމާޢީ ޢިމާރާތް ފަދަ އެހެނިހެން ތަންތަނަށް ލިބިފައިވާ ގެއްލުން ކަމަށާއި މިހާތަނަށް އެ އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ ތެރެއިން،މައުލޫމާތު ފުރިހަމަނޫން ބައެއް ފޯމުތަކުގެ މައުލޫމާތު ފުރިހަމަ ކުރުމަށް ކައުންސިލް އިދާރާތަކަށް ވަނީ ފޮނުވިފައިކަން އެންޑީއެމްއޭއިން ފާހަގަކުރެއެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުގައި ހާދިސާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ މަޢުލޫމާތު ފުރިހަމަ ރަށްތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެތެރެއިން އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތް އެ އޮތޯރިޓީން އަންނަނީީ ކުރަމުންނެެވެ.

މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަސްކޮޅު ނަމަވެސް، ގެއްލުން ލިބުންކަމަށް ރިޕޯޓު ކުރި ގިނަ އަދަދެއްގެ ރަށްތަކުން ޑެމޭޖް އެސެސްމެންޓް ފޯމު އަދިވެސް ފޮނުވާފައިނުވާކަން އެންޑީއެމްއޭއިން ފާހަގަކުރެއެވެ.

ބައެއް ރަށްތަކުން ޑެމޭޖް އެސެސްމެންޓް ފޮނުވުމުގައި ލަސްތަކެއް ދިމާވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި މިގޮތުން ބޮޑަށް ގެއްލުން ލިބުނު ރަށްތަކުން ޢާންމު ހާލަތަށް ރުޖޫޢަވުމަށް މަސައްކަތްކުރަން ޖެހުމާއި، ކައުންސިލް އިދާރާތަކުގައި މުވައްޒަފުންގެ ދަތިކަމާއިއެކު ގިނަ ޢަދަދެއްގެ ގޭގެއަށް ޒިޔާރަތްކޮށް އެސެސްމެންޓް ހަދަން ވަގުތު ނެގުމާއި އީދު ބަންދު ގެ ސަބަބުންވެސް ލަސްތަކެއް ކުރިމަތިވި ކަމުގައިވެސް އެންޑީއެމްއޭގެ އަދާހަމައިގާ ފާހަގަކޮށްފައިވެއެވެ. '

އެންޑީއެމްއޭއިން ހާމަކޮށްފައިވާގޮތުގައި  ޖުލައި 23 ވަނަ ދުވަހުގެ 1600 އާއި ހަމައަށް ޑެމޭޖް އެސެސެންޓް ހުށަހަޅުއްވާފައިވަނީ 9 ރަށަކުން ޖުމްލަ 261 ފޯމު.

  1. އެއީ؛
  2. ސ. މަރަދޫ އިން 8 ގޭގެ ފޯމު
  3. ސ. މަރަދޫފޭދޫ އިން 20 ގޭގެ ފޯމު
  4. ށ. ބިލެއްފަހިން 2 ގޭގެ ފޯމު
  5. ގދ. ރަތަފަންދޫ އިން 8 ގޭގެ ފޯމު
  6. ތ. ތިމަރަފުށިން 61 ގޭގެ ފޯމު
  7. ގދ. މަޑަވެލިން 67 ގޭގެ ފޯމު
  8. ހދ. ވައިކަރަދޫ އިން 2 ގޭގެ ފޯމު
  9. ގދ. ފިޔޯރީ އިން 11 ގޭގެ ފޯމު
  10. ގދ. ހޯނޑެއްދޫ އިން 82 ގޭގެ ފޯމު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް