އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޕެކްޓަރ ކޯހުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޑިފެންސްގެ 4 މުވައްޒަފުން އިނގިރޭސި ވިލާތަށް ދިޔުމަށް ފުރައިފިއެވެ.
މި ކޯހަކީ އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަންގެ ފަރާތުން 26 ޖުލައި އިން 03 އޮގަސްޓް 2022 އަށް އިނގިރޭސި ވިލާތުގައި ކުރިޔަށް ގެންދާ ކޯހެކެވެ.
ކޯހުގެ ހުރިހާ ހަރަދެއް ވެސް އިނގިރޭސި ވިލާތުން ހަމަޖައްސާފައިވާއިރު، މިކޯހަކީ ދިވެހި ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު ޤާއިމު ކުރެވިފައިވާ ގާތް ގުޅުމުގެ ތެރެއިން ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނިޒާމްގެ ސިޔާސަތުތައް ކަނޑައަޅާ އެ ނިޒާމް ތަންފީޒް ކުރަމުންދާ މިންވަރު ދެނެގަތުމުގެ ޒިންމާ އަދާ ކުރުމުގައި ޝާމިލްވާ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ވައިގެ ދަތުރު ފަތުރާއި ބެހޭ މައި ޖަމިއްޔާ ކަމުގައިވާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑަށް މުވައްޒަފުން ތަމްރީން ކުރުމުގެ މަޤްސަދުގައި ކުރިޔަށް ގެންދެވޭ ތަމްރީން ކޯހެކެވެ.
އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޕެކްޓަރ ކޯހަކީ ގައުމު ތަކުގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމްގައި ކަނޑަ އަޅާފައިވާ ކަންކަން ތަންފީޒް ކުރުމަށް ޒިންމާ ކުރެވިފައިވާ މުވައްސަސާތަކުން އެއަރޕޯރޓް ތަކުގައި ދެމުންދާ ހިދުމަތުގެ ތެރެއިން އޭވިއޭޝަން ސެކިޔުރިޓީ ހަރަކާތްތައް ތަންފީޒް ކުރަމުންދާ މިންވަރު ބަލާ، ކަންކަން އިސްލާހު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންޓަރނެޝަނަލް ބެސްޓް ޕްރެކްޓިސް ކޯހުގެ ބައިވެރިންނަށް ބުނެދެވޭނެ ގޮތަށް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އިން ފަރުމާކޮށްފައިވާ ތަމްރީން ޕްރޮގްރާމެކެވެ.
އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަންގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ތަފާތު އެހީތެރިކަން ފޯރޮކޮށް ދެމުން ގޮސްފައިވެއެވެ. މި ގޮތުން މި މަސައްކަތުގައި ބޭނުން ކުރާނެ 10 އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން މެޝިން ހަދިޔާ ކުރުމާއި، އެއަރޕޯރޓްގެ ސަލާމަތީ ރައްކާތެރި ކުރުމުގެ މަސައްކަތް ތަންފީޒް ކުރުމުގެ ޒިންމާ އަދާކުރާ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފޯރުކޮށް ދިނުމުގެ އިތުރުން އެއަރޕޯރޓް ހިންގާ ފަރާތުގެ ސެކިޔުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފާ ދެމުން ގެންދެއެވެ.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އާއި އިނގިރޭސި ވިލާތުގެ ކަމާއި ގުޅުންހުރި އިދާރާ ތަކުގެ އިސް އޮފިޝަލުންގެ މެދުގައި 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބޭއްވުނު ބައްދަލުވުމަށްފަހު އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަން އާއި ދިވެހި ރާއްޖެއާއި ދެމެދު ޤާއިމު ކުރެވިފައިވާ ގުޅުމުގެ ތެރެއިން 2023 އަދި 2024 ގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައް ހިމެނޭ ޖޮއިންޓް އެކްޝަން ޕްލޭން އެއް އެކުލަވާ ލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން އާޢި އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮރޓޭޝަންގެ ފަރާތުން މިހާރު ކުރެވެމުން އެބަދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް