އެމްޑީޕީ ގައުމީ މަޖިލީހުގެ 39 މެމްބަރުންގެ ވޯޓުން ކުއްލި ނުރައްކާ އިއުލާނު ކުރަން ފާސްކޮށްފި

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ގޮވާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްކޮށްފި އެވެ. މިރޭ ބޭއްވި އެ ޕާޓީގ...

25 Jul 2021 | 18:27

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ގޮވާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްކޮށްފި އެވެ.

މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ގަރާރު ފާސްކުރީ 39 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގެންނަވަނީ 142 މެމްބަރުންނެވެ.

މިރޭގެ ޖަލްސާގައި ގަރާރަށް ދެކޮޅަށް ވޯޓުދެއްވި މެމްބަރުންގެ އަދަދު ހާމައެއް ނުކުރައްވަ އެވެ. އެކަމަކު މިރޭގެ ވޯޓުގައި ސަރުކާރުގައި ހިމެނިވަޑައިގެންނަވާ އެއްވެސް ވަޒީރަކު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވާހަކަދައްކަވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ނަޝީދު ހުށަހެޅުއްވި އެ ގަރާރުގައިވާގޮތުން ގަރާރުގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމެވެ. ރައީސް ނަޝީދު ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފަ އެވެ.

ނަޝީދު އެ ގަރާރު ހުށަހެޅުއްވުމުގެ ކުރިން އެ މަނިކުފާނު މިއަދު ވަނީ ހޯމް މިނިސްޓްރީ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދަށަށް ގެންދެވުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލައްވައިފަ އެވެ. އަދި ހަރުކަށި ފިކުރަށް ތަބާވާ މީހުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ފުލުހުން ރޭ ބުނެފައިވަނީ ނަޝީދަށް އެ ހަމަލާ އަމާޒުކުރީ އެ މަނިކުފާނަކީ ކާފަރެއް ކަމަށް އެ މީހުން ގަބޫލު ކުރާތީ ކަމަށެވެ. އަދި ނަޝީދަށް އެކިފަހަރު މަތިން ފާރަލައި، އެ މަނިކުފާނަށް ހަމަލާދޭން ކުރިން ދެ ފަހަރެއްގެ މަތިން އެ މީހުން މަސައްކަތްކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް