މާލޭގައި އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރަން ނިންމައިފިއެވެ.
މާލޭގެ ވައި ނުސާފުވެ ތަޣައްޔަރު ވެފައިވާ މިންވަރު ބެލުމަށްޓަކައި ޤާއިމްކުރާ މި ސްޓޭޝަނން ޤާއިމްކުރުމަށްޓަކައި ކަމާގުޅޭ ޓެކްނިކަލް އެސެސްމަންޓެއް ހަދާނެ ބަޔަކު ހޯދުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.
ޓެކްނިކަލް އެސެސްމަންޓް ހަދައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ބީލަން ހުށަހެޅުމަށް ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން ވަނީ 2019 ވަނަ އހަރުގެ ޖޫންމަހުގެ ތެރޭގައި ވައި ތަޣައްޔަރުކުރާ މާއްދާތަކާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭން ލޯންޗުކޮށްފައެވެ. މި ޕްލޭންގައި ވަނީ ވައި ތަޣައްޔަރުކުރާ މާއްދާތައް ނުވަތަ ޕޮލޫޓަންޓް ތައް ވަކި ވަކިން ތަފްސީލު ކުރުމަށް ކަނޑައަޅާފައެވެ.
މާލޭގައި ދުއްވާ ވެހިކަލްތައް ވަރަށް ބޮޑަށް ގިނަވެ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މީގެ އިތުރުން ބައެއް ކަހަލަ އިންޑަސްޓްރިއަލް މަސައްކަތްތައް ވެސް ހިނގަމުންދާތީ ބައެއް މީހުން ކަންބޮޑުވުންވެސް އަންނަނީ ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް