ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދެވެނު ނިރުބަވެރި ހަމަލާއަށް ފަންޑޫ ކުރި ބަޔަކު ނެތް ކަން ދައްކަން ފުލުހުން އުޅުމުން އެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ސުވާލު އުފެއްދީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ތަހުގީގުގެ އެންމެ އިސް އޮފިސަރެއްގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުނަށް މީހަކު ނުވަތަ ބަޔަކު ފައިސާގެ އިނާމެއް ހުށަހެޅިކަން ގަބޫލު ކުރެވޭ ވަރުގެ ހެއްކެއް އަދި ފެނިފައެއް ނުވެއެވެ.
އެ ކަމަށް އިޝާރާތް ކުރައްވަމުން ވައްޑެ ވިދާޅުވީ، އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ބަޔަކު ވެހިކަލް ގަނެ، ގެސްޓް ހައުސްއައި އެޕާޓްމަންޓްތައް ހިފައިގެން އެތައް ދުވަހެއް ހޭދަކުރި ކަން ފެންނަން އެބަ އޮތް ކަމަށެވެ.
އެހެން ކަމުން މި ކަމަށް ފަންޑު ކުރި ބަޔަކު ނެތް ކަމަށް ދައްކަން ވާހަކަ ދެއްކެމުން ސުވާލު އުފެދޭ ކަމަށް ވައްޑެ ވިދާޅުވިއެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރި ސައިކަލް ގަންނަން 18،000 ރުފިޔާ ހަރަދު ކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވެއެވެ. އަދި ސައިކަލް މަރާމާތު ކުރުމަށް ވޯކްޝޮޕަކަށް ގެންގޮސް އެކަމަށް ވެސް ހަރަދުތަކެއް ކުރިއެވެ. ހަމަލާ ރޭވުމުގެ ކަންކަމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފައި އެ ތަނަށް ހަރަދު ކޮށްފައިވެއެވެ.
އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހްގީގަށް މިހާރު ވެސް 300 އަށްވުރެ ގިނަ މީހުންގެ ބޭންކް ސްޓޭޓްމަންޓް ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި ފައިސާއާ ގުޅުން ހުރި ކަންކަން އަދިވެސް ބަލަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް