"އުރީދޫ އަތޮޅު ދުވުން" ވާޗުއަލް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަންގާރަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށްގެންދާ މިއަހަރުގެ ދުވުމަކީވެސް ހާއްސަ ހަރަކާތަކަށް ވެގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، އޯގަސްޓް އެކަކާއި ހަތަކާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.
މިއަހަރުގެ ރަންގައި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރު ގެ ކެޓެގަރީއަށް ރެޖިސްޓާވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ދުވުންތެރިން ދެކެޓެގަރީއަށް ވަކިން 27 ޖުލައި 2021 ދުވަހުގެ ހަވީރު 6ގެ ކުރިން ރެޖިސްޓާވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެ އެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވާޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށިގެންދިޔައީ މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހަށްވެރެ ގިނަ ބައިވެރިންވަނީ މިދިޔަ އަހަރުގެ ދުވުމުގައި ބައިވެރިވެފައެވެ.
އުރީދޫން ބުނީ، ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ލިބޭނެއެވެ. ރެޖިސްޓާ ކުރާ ދުވުންތެރިން، އެމީހެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ ކަމަށާއި، ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވާ ކޮށްލަދޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް