ޕާކިސްތާނާއި ރާއްޖެއާއި ދެމެދު ހަ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކުގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުންތަކުގަިއ ސޮއި ކުރުން އޮތީ ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތެއްގައި އެވެ.
އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފަތުރުވެރިކަމާއި، ދެ ގައުމުގެ ވިޔަފާރި ކުރި އެރުވުމާއި، ސިވިލް ސާވިސް ދާއިރާ، ހާރިޖީ ދާއިރާގެ އިތުރުން ތިމާވެށީގެ ދާއިރާ އާއި ތައުލީމީ ދާއިރާއިންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ކަންކަމުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޕާކިސްތާނުގެ ފަރާޓުން ސޮއި ކުރެއްވީ ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޗައުދަރީ އަބްދުލްޤަފޫރު ޚާނެވެ.
މޯލްޑިވްސް - ޕާކިސްތާން ޖޮއިންޓް ބިޒްނަސް ކައުންސިލުގެ ކަންކަމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ. ޕާކިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ ޕާކިސްތާން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްޕީސީސީއައި)ގެ ރައީސް މިސްޓަރ ޒުބައިރު ފާރިދު ތުފެއިލެވެ.
ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި، ޕާކިސްތާނުގެ ފޮރިން ސާވިސް އެކެޑަމީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ސޮއި ކުރެއްވި އިރު ޕާކިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ ޕާކިސްތާނުގެ އެޑްވައިޒާ ޓު ދަ ޕްރައިމް މިނިސްޓަރު އޮން ފޮރިން އެފެއާޒް، ސަރުތާޖް ޢަޒީޒްއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. ޕާކިސްތާނު ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ސައީދު ހަވާރު އަލީ ޝާހެވެ.
ގައުމީ ޔުނިވާސިޓީއާއި ޕާކިސްތާނުގެ ވާޗުއަލް ޔުނިވާސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ ދިވެހި ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަޠީފެވެ. ވާޗުއަލް ޔުނިވާސިޓީ އޮފް ޕާކިސްތާންގެ ފަރާތުން ސޮއި ކުރެއްވީ ރެކްޓާ ޑރ ނަވީދު އަޙްމަދު މަލިކެވެ.
އަދި ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި، ޕާކިސްތާނުގެ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. ޕާކިސްތާންފަރާތުން ސޮއި ކުރެއްވީ ނެޝަނަލް މެނޭޖްމަންޓް ކޮލެޖުގެ ޑީން ނައީމް އަސްލަމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް