ސައިކަލު ދުއްވަން ދަސްކުރުމަށް ހިލޭ އަންހެނުން ހިލޭ ފިރިހެނުންގެ ސައިކަލު ފަހަތަށް އެރުމަކީ ޢިއްފަތްތެރި އެއްވެސް މުސްލިމް އަންހެނަކު ކުރާނެކަމެއް ނޫންކަމަށާއި މިކަމަކީ ދީނުގައި އެއްގޮތަކަށްވެސް ހުއްދަވާނެކަމެއް ނޫންކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަންޓީވީ އިން ރޭ ފޮނުވި 'ޢިލްމީ ޚަޒާނާ' ޕްރޮގްރާމަށް ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް ސަމީރު ވިދާޅުވީ މިކަމުގައި މީސްމީހުންގެ އަނބިން ޝާމިލުވުމަކީ އަދި އިތުރަށް މީގައި ކަންބޮޑު ވާންޖެހޭ ކަމެއްކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ވަރަށް ޢާއްމުކޮށް ފެންނަ މަންޒަރެއްމީ. މިއީ ވަރަށް ފުޅާކޮށް ހިނގަމުންދާ ކަމެއް. ސައިކަލު ދުއްވަން ދަސްކުރަން ހިލޭ ފިރިހެނުން ފަހަތަށް ލައިގެން ބައެއް އަންހެނުން އުޅޭ މަންޒަރު. އަދި މީގަ އެންމެ ހައިރާން ވާންޖެހޭ ކަމަކީ މީސްމީހުންގެ އަނބިންވެސް މިގޮތަށް ހިލޭ ފިރިހެނުން ފަހަތަށް ލައިގެން ދުއްވާއިރު މިމީހުންގެ ފިރިންގެ ޣީރަތްތެރިކަން ކޮބާބާއޭ ހަމަ ހިތަށް އަރާ. އެތައްބައިވަރު ވަގުތު ތަކެއް އެތައް ބައިވަރު ދުވަސްތަކެއް ހަމަ މިގޮތަށް ހިލޭ ފިރިހެނަކު ސައިކަލު ފަހަތުގައި ގައިގަ ޖެހޭ ހިސާބުގައި ބައިންދައިގެން މިގޮތަށް އުޅޭއިރު މި މީސްމީހުންގެ ފިރިން ނުވަތަ މި އަންހެން ކުދިންގެ ބައްޕައިން އެތިބެނީ ކިހިނެއް ވެފައިބާއޭ އަޅުގަނޑު ހަމަހިތަށް އަރާ" ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
ކޮންމެ ހޯމަ ދުވަހެއްގެ ރޭ ލައިވްކޮށް ގެނެސްދޭ 'ޢިލްމީ ޚަޒާނާ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ އަނބިންނާއި އަޅުގަނޑުމެންގެ އަންހެން ދަރިން ހެޔޮގޮތުގައި ބެލެހެއްޓުމަކީ ﷲ ތަޢާލާ އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ ވަރަށްބޮޑު އަމާނާތެއްކަމަށާއި މީހަކު އޭނާގެ އަނބިމިހާ ނުވަތަ އޭނާގެ އަންހެން ދަރި ހިލޭ ފިރިހެނަކާއެކު މިގޮތަށް އުޅުމަށް ރުހުން ދީގެން ނުވާނެކަމަށެވެ. އަދި މީގެ ޒިންމާ އޭނާ ޤިޔާމަތްދުވަހުން ނަގަން ޖެހޭނެކަމަށެވެ.
"އެހެން ނޫންނަމަ އެ ފިރިމީހާއަކަށް ނުވަތަ އެ ބައްޕައަކަށް ކެތެއް ނުކުރެވޭނެ މިކަންކަމަށް ރުހުން ދީގެން ހުންނާކަށް. އަނެއްކާ އަންހެން މީހާވެސް އަމިއްލައަށް ވިސްނަން ޖެހޭކަމެއްމީ. މިކަމަކީ ކަނޑައެޅިގެން ވަރަށްބޮޑު ޙަރާމް ކަމެއް އަދި ވަރަށްބޮޑު ފާޙިޝްކަމެއް. މިކަމުގެ ސަބަބުން އަންހެންކުދިންގެ ޢިއްފަތާއި ކަރާމާތް ގެއްލިގެން އެބަދޭ. އަދި މިކަމުގެ ސަބަބުން އެތައް ކައިވެންޏެއް ރޫޅިގެން އެބަދޭ. މިފަދަ އެތައް ހާދިސާއެއް އަޅުގަނޑުމެންނަށް އިވެމުންދަނީ" ޝައިޚް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް