ޕާޓީން މެންބަރަކު ވަކި ކުރިޔަސް، އެ މެމްބަރެއްގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އޭނާގެ ބްލޮގް ލައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ޕާޓީން މެންބަރަކު ވަކި ކުރާ އިރަށް ގޮނޑި ގެއްލުނީ ކަމަށް ކަނޑައަޅާނަމަ އީސީއަށް އެ އަރައިގަނެވެނީ މެންބަރުންގެ ހައްގަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް އެ ކޮމީޝަން ތަބާނުވާ ކަމަށް ބެލުމުގެ ޖާގަވެސް އެބައޮތް ކަމަށެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ މަޖިލީހުގެ ހަ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކި ކުރިކަން އެންގުމުން އީސީން އެ މެންބަރުން މަޖިލީހުގައި ތަމްސީލް ކުރައްވާ ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުގެ އިދާރާއަށް އެންގުމުންނެވެ.
ނަޝީދު ވިދާޅުވީ އީސީން މިގޮތަށް ނިންމުންތައް ނިންމާނަމަ ގޮނޑި ގެއްލޭ މެންބަރުންނަށް ސުޕްރީމް ކޯޓަށް ދިޔުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ.
"ބައި އިލެކްޝަނެއް އިއުލާން ކުރަންޖެހޭ ފަދަ ވަކި ކުރުމެއްކަން ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމަށް ވަރަށް ބޮޑަށް ބަލައިގެން އެ ކޯޓު އަމުރު ވެސް ކުރިމަތީގައި ބާއްވައިގެން ވަކިވި ކޮންމެ މެމްބަރެއްގެ މައްސަލަ ވަކިވަކިން ދިރާސާ ކޮށްގެންނެވެ. ޕާޓީން ކަނޑާލާ ކޮންމެ މެމްބަރެއްގެ ގޮނޑިއަކީ މަޖިލިސް ގޮނޑި ހުސްވާން ޖެހޭ ފަދަ ވަކި ކުރުމަކަށް ފަހަރުގައި ނުވެދާނެ،" ނަޝީދު ވިދާޅުވެފައި ވެ އެވެ.
މީގެ އިތުރުން ވިދާޅުވެފައި ވަނީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރެއްގެ ގޮނޑި ފަހުން އޭނާ ގުޅޭ ޕާޓީއަކުން ވަކި ކުރުމުން ނުގެއްލޭނެ ކަން ސުޕްރީމް ކޯޓުގެ ހުކުމުން ވަރަށް ސާފު ކަމަށެވެ. އެގޮތުން ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައަޅާފައިވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދުގެ ގޮނޑީ ނުގެއްލޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ލިޔުއްވުމުގައިވާ ގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭނީ އެ މެމްބަރަކު މަޖިލިސް އިންތިޚާބުގައި ވާދަކުރި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން ކަމަށާއި އަމިއްލަ ހައިސިއްޔަތުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރާ މެމްބަރުންނަށް އެ ހުކުމުގެ އުސޫލެއް ނުހިނގާނެ ކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ އީސީން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި ހަ މެންބަރުންގެ ގޮނޑި ގެއްލުވާލާފައިވަނީ ބަލަންވާވަރަށް ނުބަލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް