މަޖިލިސް ހިސޯރުކުރަން އުޅުނު ފަރާތްތަކުގެ ވަކިތަކުން ސަލާމަތްކުރި ކަމަށްބުނެ ޕީޕީއެމްގެ ޝުކުރު ސަލާމަތީ ހިދުމަތްތަކަށް

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ސަލާމަތީ ބާރުތަކުން އިއްޔެ ކުރަމުން ދަނިކޮށް އިދިކޮޅު ކޯލީޝަންގެ މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއަށް އިއްޔެ ވަދެފައިވާއިރު ގޭޓް ހަލާކުކ...

25 Jul 2017 | 05:41

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ސަލާމަތީ ބާރުތަކުން އިއްޔެ ކުރަމުން ދަނިކޮށް އިދިކޮޅު ކޯލީޝަންގެ މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއަށް އިއްޔެ ވަދެފައިވާއިރު ގޭޓް ހަލާކުކޮށްލައިގެންވަދެ މަޖިލީހަށް ގެއްލުންދީ ބަޔަކު އިއްޔެ އުޅުނީ މަޖިލިސް ހިސޯރު ކުރަން ކަން ސިފަވާގޮތަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ބަޔާނެއް ނެރެފި އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ފަރާތްތަކުން މަޖިލީހުގެ ކަރާމާތަށް އަރައިގެންފައިވާކަމަށާއި ގާނޫނު އަސާސީގެ 105 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން މަތިކޮށްފައިވަނީ ދިވެހިރއްޖޭގެ ސަލާމަތީ ހިދުމަތްތަކައި ވިޔަސް މަޖިލީހުގެ ހިމާޔަތުގައި އެވަގުތު ތިއްބެވި ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް އިހުތިރާމެއް އަދި ބެއްލެވުމެއްނެތި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް އާއްމު ފަރާތްތަކުން މަޖިލީހުގެ އިދާރާއަށް ވަދެފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ.

"އަދި މަޖިލީހުގެ ފާރުމަތިންނާއި މަޖިލީހުގެ ގޭޓް ހަލާކުކޮށްލައިގެން ވަތް ފަރަތްތަކުން މަޖިލީހުގެ އިދާރާގެ ތަކެއްޗަށް ގެއްލުންދެމުން ގެންދިޔައިރު، އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން އަންގަވަމުން ގެންދެވި އެވެ. ނަމަވެސް އެ ފަރތްތަކުން ކިޔަމަންވެފައެއް ނުވެ އެވެ." ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ކަރާމާތް އެކުލެވޭ ދައުލަތުގެ މުއައްސަސާއަށް ވީހިނދު، ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުމަށް ވަތްފަރާތްތަކުގެ ވަކިތަކުން އެތަން ސަލާމަތް ކުރުމަށް، ސަލާމަތީ ހިދުމަތްތަކުން ދައްކާފައިވަނީ ލާމަސީލު ނަމޫނާއެކެވެ. ދިވެހި ރައްޔިތުންގެ ނަމުގައި ސަލާމަތީ ހިދުމަތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

ޕީޕީއެމްގެ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގައުމު ހަލަބޮލިކޮށް ރައްޔިތުންނަށް ނިކަމެތިކަން ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން މިގެންދާ ނޭދެވޭ ކަންކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކަރާމާތްތެރިކަމަށް އަރައިގަނެ ސަލާމަތީ ހިދުމަތްތަކާއިމެދު ހިންގި ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން، ޕީޕީއެމްގެ ނަމުގައި ކުށްވެރިކުރާ ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުން މި ހިންގި ޖަރީމާތައް ތަހުގީގު ކުރުމަށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ރައްޔިތުންގެ ނަމުގައި ޕީޕީއެމުން ގޮވާލާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް