ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިއްޔެ ކުރިއަށްދިޔަ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނެފައިވަނީ މަޖިލީހުގެ އިދާރާއިން އިއްޔެ ނެރެފައިވާ ބަޔާނަކާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ލިޔުމެއްގަ އެވެ. އެ ލިޔުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ދިވެހި ސަރުކާރުން އިންކާރު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޫސް ބަޔާނުގައި، 24 ޖުލައި 2017 ގައި އެއްވެސް ވޯޓެއް ނެގުމަށް އެޖެންޑާކޮށްފައި ނުވާ ކަމަށާއި، އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިނުވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި، ކުރިއަށް އޮތް ރާއްޖޭގެ މިނިވަންދުސް ފާހަގަކުރުމުގެ ހަރަކާތްތަކާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން މާލެ ތެރޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވުމާއެކު، 23 ޖުލައި 2017 އިން ފެށިގެން 31 ޖުލައި 2017 އާ ހަމައަށް މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްވެސް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 23 ޖުލައި 2017 ގައި ދަންނަވާފައިވާ ކަމުގައިވެސް ނޫސް ބަޔާނުގައި ވެއެވެ.
ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި، މަޖިލީހުގެ ގަވައިދާ ޚިލާފަށް 24 ޖުލައި 2017 ގައި މަޖިލީހުގައި ކަންތައްތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ގޮވާލައި، އެކަމަށް މަސައްކަތްކޮށްފައިވާކަން، ރައްޔިތުންގެ މަޖިލީހުގެ ނޫސް ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. އެހެންކަމުން، 24 ޖުލައި 2017 ގައި ޣައިރު ޤާނޫނީ އެއްވެސް ކަމެއް، ނުވަތަ މަޖިލީހުގެ ގެއާއި ގޯތި ތެރޭގައި ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި، ސަލާމަތީ ގޮތުން އަޅުއްވައިންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެމް.އެން.ޑީ.އެފް. ގައި އެދިވަޑައިގެންފައިވާނެ ކަމުގައިވެސް ނޫސް ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމް.އެން.ޑީ.އެފް. އިން މިއަދު އެޅުއްވި ޚާއްޞަ ފިޔަވަޅުތަކަކީ، 24 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމް.އެން.ޑީ.އެފް. އިން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެކެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ލިޔުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތު، މި ފުރުސަތުގައިވެސް ސަރުކާރުން ތަކުރާރު ކުރައްވާ ކަމަށާއި އަދި، ޚަބަރު ފެތުރުމުގައި ޒިންމާދާރު ކަމާއެކު ހަގީގަތާ އެއްގޮތަށް ޚަބަރު ފެތުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ޚަބަރު ނުފެތުރުމަށް، ހުރިހާ މީޑިޔާއަކަށް ސަރުކާރުން އިލްތިމާސް ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް