ތިން ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ތިން ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ. އެސްޓީއޯގެ ފާމަސީ ހުޅުވާފައިވަނީ ކ. ހުރާ، ށ. ޅައިމަގު އަދި ދ. މާއެނބޫދޫގައެވެ. އެސްޓީއޯއިން ބުނީ އެ ތިން ފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮން...

25 Jul 2015 | 11:17

ތިން ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯގެ ފާމަސީ ހުޅުވާފައިވަނީ ކ. ހުރާ، ށ. ޅައިމަގު އަދި ދ. މާއެނބޫދޫގައެވެ.

އެސްޓީއޯއިން ބުނީ އެ ތިން ފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ޤާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވި ފާމަސީއެއް ކަމަށެވެ.

ކ. ހުރާގައި އެސްޓީއޯގެ ފާމަސީ ހުޅުވާފައިވަނީ 23 ޖުލައި 2015 ގަ އެވެ. އަދި ށ. ޅައިމަަގުގައި އެސްޓީއޯގެ ފާމަސީ ހުޅުވާފައިވަނީ 24 ޖުލައި 2015 ގަ އެވެ.

ދ. މާއެނބޫދޫގައި އެސްޓީއޯގެ ފާމަސީ ހުޅުވާފައިވަނީ މިއަދު އެވެ. މި ފާމަސީ އާއެކު ދ އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރުވަނީ އެސްޓީއޯގެ ބޭސްފިހާރަ ހުޅުވާފައެވެ.

ބައެއް ރަށްރަށުން އާންމު ބޭސްތައް ވެސް ލިބެން ނުހުންނާތީ ރައްޔިތުންގެ ޝަކުވާ ބޮޑު އިރު މި އަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުން އެކަން ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ށ. ކޮމަންޑޫގައި ހުޅުވުނު ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 141 އަށް އިތުރު ވެފައެވެ.

އެސްޓީއޯއިން ބުނީ މި މަޝްރޫއު ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީގެ އެހީތެރިކަން ފުރިހަމައަށް ލިބެމުންދާ ކަމަށެވެ. އަދި ރަށްރަށުގެ ލޯކަލް ކައުންސިލްތަކުންނާއި ރައްޔިތުންގެ އެހީތެރިކަން ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް