ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުގެމަތީގައި ދެމިތިބެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި، ވަނީ މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ހަނދާންކޮށްދެއްވާފައެވެ.
"ހިޖުރީ އައު އަހަރެއް ފެށިގެން ދިޔަ މި ދަނޑިވަޅަކީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރުމަށް އިސްލާމީ އުންމަތަށް ޖެހިފައިވާ ވަގުތެއް" ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.
އެގޮތުން، ހަނގުރާމައިގެ ނުތަނަވަސް ޙާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ޤައުމުތައް ދާދިފަހުން ތަޙައްމަލު ކުރި އިރު، ދިވެހިރައްޔިތުންގެ އިޚްލާޞްތެރި ދުޢާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އެދިވަޑައިގެން، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޠަނަކަށްމެ، ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިކަން ރައީސްގެ ޚިޠާބުގައި ފާހަގަ ކުރެއްވިއެވެ.
1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބު ނިންމަވާލައްވާފައި ވަނީ، ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ޙިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަޞްރާއި ނަސީބު މާތްﷲގެ ޙަޟްރަތުން ދެއްވުމަށާއި، ދިވެހި މި ލޮބުވެތި ވަޠަން ކީރިތިކަމާއި މޫރިތިކަމުގައި، އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލެއްވެވުން އެދި ދުޢާ ދަންނަވަމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް