ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި "އެމްޕަވަރމަންޓް ހަބް" ޤާއިމުކުރުމަށް ހަމަޖެހިފައި ވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އަމާން އުދަރެސް ޓަވަރު 7 ގެ އެއްވަނަ ފަންގިފިލާގައި ކަމަށެވެ.
މި އެމްޕަވަރަމަންޓް ހަބް ގާއިމްކުރުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމަޢުގައި އިތުރުވަމުންދާތީ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްޤީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުން މި ހަބް ގާއިމްކުރުމުގެ ބޭނުމުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މީލާދީ ގޮތުން 25 އަހަރު ދުވަހަށް އެކުލަވާލެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒުއްދީން އަދްނާން އެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް އިސްމާއިލް ޢަލީ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމްކުރުމަށް ޒަކާތު ހައުސްގެ އެހީތެރިކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފަރާތުން އެދިފައިވާތީ، އެކަމަށް އެހީތެރިވެ ހަބް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ދޫކުރުމަށް ނިންމާފައިވަނީ 19 މާރިޗު 2025 ގައި ބޭއްވުނު ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް