ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު ކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.
މިކަމުގެ އިތުރު ތަފްސީލު ހިއްސާކުރަމުން ދެންމެ އެމްއެންޑީއެފްއިން ބުނެފައިވަނީ ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުން ގެއްލުނު އެކަކު ހޯދިއްޖެ ކަމަށެވެ.
"ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދައިފި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން ފަސް މީހުން ދަތުރުކުރި ކަމަށާއި އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި އާންމު މީހަކާއި ތިން ބިދޭސީން ކަމަށެވެ. އަދި، އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރި ކަމަށެވެ.
"އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ހޯދާފައި، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވާގޮތުގައި މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް