ރ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް މާދަމާ ފަށާނެކަން ޓްރާންސްޕޯޓް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް (އައިއެންޕީއެފްއެން) ގެ ދަށުން ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ.
"އެ އަތޮޅުގެ ރައްޔިތުން ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޖޫން މަހުގެ 26 އިން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދެވޭނެ" މިނިސްޓްރީން ބުނެފައިވެއެވެ.
އަހުލުވެރި ކުރުމުގެ ދަތުރުތަކަށްފަހު، ޖުލައި ތިން ވަނަ ދުވަހުން ފެށިގެން އާރްޓީއެލްގެ ފެރީ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ވިއްކައިގެން ކަމަށާއި ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް އާރްޓީއެލްގެ ވެބްސައިޓް (rtl.mv) އަދި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށް ބުނެފައިވެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު ރ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއަކީ މުޅި ރާއްޖެ ތިން ފޭސް އަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ޤައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި އަރާމގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހި ކުރުމާއި އިގްތިޞާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް