އިންވޭސިވް މެނިންގޯކޮކަލް ކޭސްއެއް ރާއްޖެއިން ފެނިއްޖެކަން ހެލްތުން ރަސްމީކޮށް އިއުލާނުކޮށްފި

ނުރައްކާތެރި ބައްޔެއްކަމުގައިވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. އެގޮތުން އެޗްޕީއޭއިން ދެންމެ ބުނެފައ...

25 Jun 2024 | 17:27

ނުރައްކާތެރި ބައްޔެއްކަމުގައިވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އެގޮތުން އެޗްޕީއޭއިން ދެންމެ ބުނެފައިވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ވަނީ ފެށިފައިކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

އެ އޮތޯރިޓީން މިރޭ ބުނެފައިވާގޮތުގައި "ކްލޯޒް ކޮންޓެކްޓް" އެއްކަމަށް ބެލެވޭނީ ބަލި މީހުންނާއި އެއް ގެއެއްގައި ދިރިއުޅޭ މީހުންނާއި ބަލި މީހާއާއި އެއްކޮށް މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށް ގިނަ އިރުވަންދެން ދަތުރުކޮށްފައިވާ މީހުންނާއި ބަލިމީހާގެ ކުޅު ފަދަ ނޭވލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުންނެވެ.

ބަލި މީހާއާއި އެއް ފެންފުޅިއަކުން ފެންބޮއެ، ސަމްސާއާއި ތަށިފަދަ ތަކެތި ބޭނުންކޮށްފައިވާ މީހުން އަދި ބަލި މީހާގެ ސީދާ ކޮންޓެކްޓުންނާއި ދިމާވެފައިވާ މީހުން "ކްލޯޒް ކޮންޓެކްޓުން" ކަމުގައި ނުބެލެވޭނެކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

" މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.

ބަލީގެ އަލާމާތްތައް ކަމުގައި އެޗްޕީއޭއިން ބުނެފައިވަނީ ބޮލުގައި ރިއްސުން، ކަނދުރާ ވާންވުން، މޭނުބައިކޮށް ހޮޑުލެވުން، ވާނުވާ ނޭނގޭ ގޮތްވުން، ގައިގައި ރަތް ބިހި/ލައްތަކެއް ނެގުން، ފިޓު ޖެހުން، އަލި ގަދަވުމުން އުނދަގޫވުން، ވަރުދެރަވުން އަދި ނޭވާ އަވަސްވުމެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވާގޮތުގައި މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެއެވެ.އަދި މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގައެވެ. އަދި ހަމަ އެހެންމެ މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް